Last Updated: April 26, 10:52
Friday, April 26, 2024
މުނިފޫހިފިލުވުން

ޕްރިޔަންކާ "ޖީ ލޭ ޒަރާ" ދޫކޮށެއް ނުލާ

ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ސޮއިކޮށްފައި އޮތް އާ ހިންދީ ފިލްމު "ޖީ ލޭ ޒަރާ" އިން އޭނާ ނުފެންނާނެ ކަމަށް ދާދި ފަހުން އަޑުތަކެއް އެރި ނަމަވެސް އެ ފިލްމު ކުޅޭނެކަން އޭނާ ކަށަރުކޮށް ދީފި އެވެ.

މިހާރު ހޮލީވުޑްގެ ފިލްމުތަކަށް އިސްކަންދޭ ބަތަލާ އެ ފިލްމު ނުކުޅެން ނިންމި ކަމަށް ބުނެ އަޑުތަކެއް އެރީ ދަރިޔަކު ވެސް ހޯދުމާ ގުޅިގެންނެވެ. ނަމަވެސް ޑެޑްލައިނަށް މި ހަފުތާގައި ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ "ޖީ ލޭ ޒަރާ" އަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށެވެ.

ހޮލީވުޑާއި ބޮލީވުޑްގައި ވެސް އަންހެނުންގެ ބާރުވެރިކަމާ ގުޅޭ ގޮތުން ދިން އިންޓަވިއުއެއްގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ 39 އަހަރުގެ ބަތަލާ ބުނީ އާ ހިންދީ ފިލްމުގައި މަސައްކަތްކުރަން ލިބުނީ މި ވަގުތު ބޮލީވުޑްގައި ތިބި ބަތަލާއިންގެ ތެރެއިން ވަރުގަދަ ދެ ތަރިއަކާ އެކީގައި ކަމަށެވެ. އެއީ އާލިއާ ބަޓާއި ކެޓްރީނާ ކައިފެވެ.

"މި ފިލްމުގައި އަހަރެމެން ތިން މީހުން އެކީގައި މަސައްކަތްކުރުމުގެ އިތުރަށް މީގެ ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް އަހަރެމެންގެ ބައިވެރިވުން އޮންނާނެ." ޕްރިޔަންކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިންޑަަސްޓްރީ އަށް ނުކުތް އިރު، ބަތަލާއިންގެ މެދުގައި ބޮޑު ވާދަވެރިކަމުގެ އޮތުމުގެ އިތުރަށް އާންމުކޮށް ފިލްމުތައް ބިނާކޮށްފައި އޮންނަނީ ބަތަލުންނަށް ކަމަށެވެ.

"އެކަމަކު އެ ޒަމާން މިހާރު ހިނގައްޖެ ކަމަށް އަހަރެން ގަބޫލުކުރަނީ. އަދި އަހަރެމެން ބަތަލާއިންނަކީ ވެސް މިހާރު އެކަކު އަނެކަކަށް ސަޕޯޓާއި ހިތްވަރުދޭ ބައެއް." ކުރީގެ މިސް ވޯލްޑް ބުންޏެވެ.

މި އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި ޝޫޓިން ފަށާނެ ކަމަށް ބެލެވޭ "ޖީ ލޭ ޒަރާ" އަކީ ޕްރިޔަންކާ އެންމެ ފަހުން ކުޅުނު 2019 ގެ ބޮލީވުޑް ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ ބަތަލު ފަރުހާން އަޚްތަރު ޑައިރެކްޓްކުރާ ރޯޑް ޓްރިޕް ފިލްމެކެވެ. ޕްރިޔަންކާ ކުރިން ވަނީ ފަރުހާން ޑައިރެކްޓްކުރި "ޑޮން" އާއި "ޑޮން 2" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ނަމަވެސް އަންނަ އަހަރު ރިލީޒްކުރާނެ "ޖީ ލޭ ޒަރާ" އަކީ ފަރުހާން ޑައިރެކްޓްކުރާ ފިލްމެއްގއި އާލިއާ އާއި ކެޓްރީނާ މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

މިދިޔަ ޑިސެމްބަރު މަހު "މެޓްރިކްސް ރިސަރެކްޝަންސް" ގެ ރޯލަކުން ފެނުނު ޕްރިޔަންކާގެ ކުރިއަށް ހުރި ހޮލީވުޑްގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ސީރީޒް "ސިޓަޑެލް" އާއި ފީޗާތައް ކަމަށްވާ "އިޓްސް އޯލް ކަމިން ބެކް ޓު މީ" އަދި "އެންޑިން ތިންގްސް" ހިމެނެ އެވެ.