Last Updated: April 25, 18:10
Thursday, April 25, 2024
މުނިފޫހިފިލުވުން

ސަނީ އާއި ޕޫނަމްގެ ދަރިން އެކީގައި ބޮލީވުޑަށް

އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ ތަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ޕޫނަމް ދިލަންގެ ދެ ދަރިޔަކު އެކީގައި ބޮލީވުޑަށް ތައާރަފުކުރަން ނިންމައިފި އެވެ.

ސަނީގެ ދެ ކުދިންގެ ތެރެއިން ހަގު ފިރިހެން ދަރިފުޅު ރަޖްވީރު ޑިއޯލް އާއި ޕޫނަމްގެ އަންހެން ދަރިފުޅު ޕަލޯމާ ތަކޭރިއާ ބޮލީވުޑަށް ނެރެން ނިންމާފައި ވަނީ ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ސްޓޫޑިއޯ ކަމަށްވާ ރާޖްޝްރީ ޕްރޮޑަކްޝަނުންނެވެ. ރަޖްވީރު އާއި ޕަލޯމާ އެކްޓިން އަށް ނުކުންނަ ފިލްމަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާގެ އަލަތު ޑައިރެޝަނެވެ.

މިދިޔަ އަހަރު މި ފިލްމު ރަޖްވީރުއާ އެކު ހަދަން ނިންމިކަން އިއުލާންކުރި ދަނޑިވަޅު، ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ސަލްމާން ޚާނަށް ބޮޑުބޭބެ ކިޔާ އަލިޒޭ އަގްނިހޯތުރީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ. އަލިޒޭ އަކީ ސަލްމާންގެ ކޮއްކޮ އަލްވިރާ އަގްނިހޯތުރީ އާއި ކުރީގެ އެކްޓަރު އަދި މިހާރުގެ ޕްރޮޑިއުސަރު އަތުލް އަގްނިހޯތުރީގެ ދޮށީ ދަރިފުޅެވެ.

ނަމަވެސް ރަޖްވީރްގެ އަލަތު ފިލްމުގެ ބަތަލާ އަކީ ޕޫނަމްގެ ދަރިފުޅު ޕަލޯމާކަން ރާޖްޝްރީން މިހާރު ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ޖުލައި މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި މީގެ ނަން ވެސް އިއުލާނެއް ނުކުރެ އެވެ.

މިހާރު ވެސް މަދުމަދުން ފިލްމުތަކުން ފެންނަ ޕޫނަމް، 60، ގެ އަންހެން ދަރިފުޅު ބޮލީވުޑަށް ތައާރަފުވާ އިރު، ފިރިހެން ދަރިފުޅު އައްމޯލް ތަކޭރިއާ ބޮލީވުޑަށް ނެރުނީ ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށް މިދިޔަ އަހަރު ގެނެސްދިން "ޓިއުޒްޑޭސް އެންޑް ފްރައިޑޭސް" އިންނެވެ.

ސަނީ، 65، ގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ނެރުނީ އޭނަ ޑައިރެކްޓްކޮށް 2019 ގައި ގެނެސްދިން "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ.

ސަނީ އާއި ޕޫނަމް އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ސަމަންދަރު"، "ސޯނީ މަހިވާލް" އަދި "ސަވޭރޭ ވާލީ ގާޅީ" ހިމެނެ އެވެ.

ދަރިފުޅު އަވްނިޝް އަލަތު ޑައިރެކްޝަނަށް ތައްޔާރުވަމުން އަންނަ އިރު، ސޫރަޖް މިހާރު އަންނަނީ "އޫޗާއީ" ކިޔާ ފިލްމެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. އޭގެ ތަރިންނަކީ އަމީތާބް ބައްޗަން ޕަރިނީތީ ޗޯޕްޅާ، އަނޫޕަމް ކޭރް، ބޮމަން އިރާނީ، ނީނާ ގުޕްތާ، ޑެނީ ޑެންޒޯންގްޕާ އަދި ސާރިކާ އެވެ.