Last Updated: March 29, 02:52
Thursday, March 28, 2024
ވިޔަފާރި

ޓިކްޓޮކް ގޭމިން އަށް ނުކުންނަނީ

ފަހަކަށް އައިސް އެކި ސޯޝަލް ޕްލެޓްފޯމްތަކުން އަންނަނީ ފީޗާ އިތުރުކޮށް، އެއިން ހިފޭ ބޭނުންތައް އިތުރުކުރަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ޓިކްޓޮކުން މިހާރު ވަނީ ގޭމިންގެ ތެރެއަށް ވަންނަން ނިންމައިފަ އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކުން މިހާރު އަންނަނީ ވިއެޓްނާމްގައި ގޭމިން ފީޗާ ވެސް ޓެސްޓްކުރަމުންނެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ވީޑިއޯ ގޭމިންގެ ތެރެއަށް ވަދެ، ގޭމް ކުޅެވޭނެ ފުރުސަތު ލައިވްސްޓްރީމާތަކަށް ޓިކްޓޮކުން ފަހިކޮށްދޭނެ އެވެ. މިކަމާ ބެހޭ ގޮތުން ޓިކްޓޮކުން އަދި ރަސްމީކޮށް ވާހަކަ ނުދެއްކި ނަމަވެސް ކުންފުނީގެ އޮފިޝަލަކު ވަނީ ގޭމިން ފީޗާއަކަށް ތައްޔާރުވާކަން ޔަގީންކޮށް ދީފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓިކްޓޮކަކީ އަބަދު ވެސް އެ ބޭނުންކުރާ މީހުންނަށް އާ ކަންތައްތަކެއް ގެނެސްދޭން މަސައްކަތްކުރާ އެއްޗެކެވެ.

މީޑިއާތަކުން ބުނި ގޮތުގައި ޓިކްޓޮކުން ގޭމިންގެ ތެރެއަށް ވަދެ، އެ ބޭނުންކުރާ މީހުން ޓިކްޓޮކް ބޭނުންކުރާ މިންވަރު އިތުރަށް ބޮޑުކުރުންވެގެން ދާނީ ކުންފުނީގެ އާމްދަނީ ވެސް އިތުރުވާން ހުޅުވޭ އާ ދޮރަކަށެވެ. ޓިކްޓޮކަކީ މިހާރު ވެސް ސޯޝަލް ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެކައްޗެވެ.

މިދިޔަ އަހަރު ޓިކްޓޮކުން މިނީ ގޭމެއްގެ ގޮތުގައި ފާމްވިލް ކަހަލަ ގޭމެއް އިން-އެޕް ގޭމެއްގެ ގޮތުގައު ވެސް ޓެސްޓްކޮށްފައިވެ އެވެ.