Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

ސުމިތުގެ "ބޭޑް ބޯއިސް 4" ނުހުއްޓޭ

މި އަހަރުގެ އޮސްކާ އެވޯޑް ހަފުލާގައި އެކްޓަރު ވިލް ސުމިތުގެ ފަރާތުން ފެންމަތިވި މައްސަލައަކާ ހެދި އޭނަގެ ކެރިއަރު މިހާރު ވާނުވާގައި އޮތަސް "ބޭޑް ބޯއިސް 4" އަށް ކުރަން ޖެހޭ މަސައްކަތްތައް ނުހުއްޓޭ ކަމަށް އެ ފިލްމުގައި ހިއްސާވާ ސޮނީ ޕިކްޗާސް އިން ބުނެފި އެވެ.

އޮސްކާގައި ސްޓޭޖަށް އަރައި ކޮމީޑިއަން ކްރިސް ރޮކްގެ ކަންކަށިމަތީގައި ސުމިތު ޖެހި މައްސަލާއާ ވިދިގެން އޭނަގެ ބައެެއް ޕްރޮޖެކްތައް، ޕްރޮޑަކްޝަން ހައުސްތަކުން ވަގުތީ ގޮތުން މަޑުޖައްސާލާފައިވާ އިރު އޭގެ ތެރޭގައި "ބޭޑް ބޯއިސް 4" ވެސް ހިމެނޭ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ ސޮނީން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އެ ކުންފުނީގެ މޯޝަން ޕިކްޗާ ގްރޫޕްގެ ޓޮމް ރޮތުމަން ޑެޑްލައިނަށް ވިދާޅުވީ ފިލްމުގެ އެއްވެސް މަސައްކަތެއް ނުހުއްޓޭ ކަމަށާއި ޝޫޓިން ފެށުމުގެ ކުރިން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ކުރިން ވޭސް ރޭވި ގޮތަށް ކުރިއަށްދާ ކަމަށެވެ.

"އެހެންވެ ބޭޑް ބޯއިސް ހަތަރެއް ހުއްޓުނު ކަމަށް ބުނާ ވާހަކައިގައި އެއްވެއސް ހަގީގަތެއް ނެތް." އޭނާ ވިދާޅުވި އެވެ.

ޓޮމް ވިދާޅުވި ގޮތުގައި ސުމިތަކީ ވަރަށް ރަނގަޅަށް ދަންނަ އަދި އެހާމެ ޕްރޮފެޝަނަލް އެކްޓަރެކެވެ. އަދި އޮސްކާގެ އޭނަގެ ފަރާތުން ފެނުނު ކަމަކާ ހެދި އޭނަ އަކީ މުޅިން ގޯސް މީހެއް ކަމަށް ނިންމުމަކީ އިންސާފެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ މީހެއްގެ ފަރާތުން ވެސް ހަމަ ނޭދެވޭ ކަމެއް ފެނިދާނެ. އަހަރެން ސުމިތު ދަންނަތާ ޒަމާންތަކެއްވެއްޖެ. އޭނަ އަކީ ވަރަށް ރަނގަޅު އަދި އެހާމެ ޕްރޮފެޝަނަލް މީހެއް. އެހެންވެ އޭނަގެ ފަރާތުން ފެނުނު އެންމެ ކަމަކާ ހެދި އޭނަ އަށް ހައްގު ނޫން މިންވަރު ދެއްކުމަކީ އިންސާފެއް ނޫން. އަހަރެން ދެކޭ ގޮތުގައި މާފުކުރުމާއި ބަލައިގަތުމަކީ ކުރަން ޖެހޭނެ ކަމެއް."

"ބޭޑް ބޯއިސް 4" ގެ މަސައްކަތް ރޭވި ގޮތަށް ކުރިއަށްދާ ކަމަށް ޓޮމް ވިދާޅުވި ނަމަވެސް ފިލްމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެހެންވެ އޭގެ ޝޫޓިން ފަށާނެ އިރެއް ވެސް ނޭނގެ އެވެ.

މަގުބޫލު ފްރެންޗައިޒެއްގެ ގޮތުގައި ބެލުންތެރިންގެ ލޯބި ހޯދާފައިވާ "ބޭޑް ބޯއިސް" ގެ ތިން ވަނަ ފިލްމު "ބޭޑް ބޯއިސް ފޯ ލައިފް" ގެނެސްދިނީ 2020 ގަ އެވެ. މީގެ ދެވަނަ ބައި 2003 ގައި ގެނެސްދިން އިރު، ފުރަތަމަ ފިލްމު ރިލީޒްކުރީ 1995 ގަ އެވެ.

މި ބަޑީ އެކްޝަން ކޮމެޑީގައި ސުމިތާ އެކު ފެންނަ އެންމެ މުހިއްމު ބައިވެރިޔަކީ މާޓުން ލޯރެންސެވެ.

މި އަހަރުގެ އޮސްކާގައި ފިލްމު "ކިންގް ރިޗަޑް" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި ސުމިތުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރު ރިލީޒްކުރަން އޮއްވައި އޮސްކާގެ ކުޅިގަނޑާ ހެދި އަންނަ އަހަރަށް ފަސްކޮށްފައިވާ "އަމަންސިޕޭޝަން" އެވެ.