Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

މަންކީޕޮކްސްގެ 80 ކޭހެއް 12 ގައުމަކުން

ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެ ބިރު ކަމަށްވާ މަންކީޕޮކްސް މިހާރު 12 ގައުމަކުން ފެނި، ކޭސްތައް އިިތުރުވަމުން ދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

އެ ޖަމާއަތުން ބުނީ މިހާތަނަށް 12 ގައުމަކުން ބަލި ފެނިފައިވާ އިރު، ކަށަވަރު ކޭސްތަކުގެ އަދަދު 80 އަށް އަރާ ކަމަށެވެ. އަދި ބަލީގެ އިތުރު 50 ކޭހެއް ރިޕޯޓްކޮށްފައިވާތީ އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ. މަންކީޕޮކްސް އެންމެ ބޮޑަށް ފެނިފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. މީގެ އިތުރުން އެމެރިކާ އާއި އޮސްޓްރޭލިއާ އިން ވެސް ބަލި ފެނިފައިވެ އެވެ.

މަންކީޕޮކްސްގެ އިތުރު 50 ކޭހެއް ރިޕޯޓްކުރުމާ ގުޅިގެން އެކަން ބަލަމުން ދިޔަ ނަމަވެސް އެ ގައުމުތަކަކީ ކޮބައި ކަމެއް ޑަބްލިއުއެޗްއޯ އިން ހާމައެއްނުކުރެ އެވެ. އެކަމަކު އެތަނުން ވަނީ ބަލި އިތުރު ގިނަ ގައުމުތަކުން ފެނިދާނެކަމުގެ އިންޒާރު ވެސް ދީފަ އެވެ.

މަންކީޕޮކްސް މީގެ ކުރިން ބޮޑަށް ފެނިފައި ވަނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ދުރު ހިސާބުތަކުންނެވެ. އަދި މި ބައްޔަކީ އެއަށް ހާއްސަ ވަކި ފަރުވާއެއް ނުވަތަ ވެކްސިނެއް ވެސް ނެތް ބައްޔެކެވެ.

މަންކީޕޮކްސް މުޅި ދުނިޔެ އަށް ފެތުރިދާނެތީ ޑަބްލިއުއެޗްއޯ އިން ވަނީ އެކަމުން ރައްޔާތެރިވެ ތިބުމަށް އާންމުން ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގިނަ މީހުން އެއްތާކަށް ޖަމާވުން ފަދަ ކަންކަމާ ދުރުވާން އެދިފައިވެ އެވެ.