Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ގުޅުން ބަދަހި އާއިލާތަކުގައި ބޮޑުވާ ކުދިން ކާމިޔާބު

ގުޅުން ބަދަހި އާއިލާތަކުގައި ބޮޑުވާ ކުދިންނަކީ ކަންކަމުގައި ފަސޭހައިން ކުރިއަރައި ކާމިޔާބުވާ ބައެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ދުނިޔޭގެ 26 ގައުމެއްގެ އުމުރުން 11-13 އަހަރާ ދެމެދުގެ 37،000 ކުދިންނާ ބެހޭ ގޮތުން އެއްކޮށްފައިވާ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އެމެރިކާގެ ކޮލަމްބިއާ ޔުނިވަސިޓީން ހަދައި ޕީޑިޓްރިއަކް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ގުޅުން ބަދަހި އާއިލާތަކުގެ ތެރޭގައި ބޮޑުވާ ކުދިންނަކީ ރައްކާތެރިކަން ލިބޭކަމުގެ ކަށަވަރުކަމާ އެކީ، ކަންކަމާ ދޭތެރޭ ޕޮޒިޓިވްކޮށް ވިސްނުމާއި ވިސްނުން ތޫނުފިލި ވެސް ކުދިންނެވެ. އެގޮތުން އާއިލާތަކުގެ ބޮޑެތި މީހުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުވުމުން ކުދިންނަށް ދިމާވާ އެކި ކަހަލަ މައްސަލަތައް ވެސް މަދު ކަމަށް ދިރާސާ އިން ދައްކަ އެވެ.

އޭގެ ތެރޭގައި ޑިޕްރެޝަނާއި އެންޒައިޒީ ފަދަ ކަންކަން ހިމެނެ އެވެ.

މި ދިރާސާ 2016-2019 އަށް ހަދާފައި ވަނީ ކުދިންނާ މައިގަނޑު ފަސް ދާއިރާއަކުން ސުވާލުކޮށް، އެކަންކަމާ ގުޅޭ ކުދިންގެ ފަރާތުން ރޭޓިން ވެސް ހޯދައިގެންނެވެ. އޭގެ ތެރޭގައިި ހިމެނެނީ އާއިލާ ތެރެއިން އަޅާލުމާއި ރައްކާތެރިކަމާއި ސަޕޯޓާއި ކަންކަމުގައި ބައިވެރިކުރާ މިންވަރާއި އާއިލާގެ ފަރާތުން ލިބޭ އިހުތިރާމް ފަދަ ކަންކަމެވެ. ދިރާސާ ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި މި ދާއިރާތަކުން ކުދިން 1-4 އާ ދެމެދުން ރޭޓިން ދީފައި ހުރި ގިތޮށް ބަލާ އިރު، މަތީ ރޭޓް ދިން ކުދިންނަކީ އެ ކުދިންނާއި އެ މީހުންގެ އާއިލާތަކާ ދެމެދު ބަދަހި ގުޅުމެއް އޮންނަ ކުދިންނެވެ. އަދި އެފަދަ ކުދިންނަކީ ކަންކަމާ ކެރިގެން ކުރިމަތިލުމާއި އިސް ނެގުމާއި ހާސިލުކުރަން ބޭނުންވާ ކަންކަން ކުރުމުގައި ކާމިޔާބު ހޯދާ ކުދިންނެވެ.

އަދި އެފަދަ ކުދިންނަކީ އާއިލީ ގުޅުން ކުޑަ އާއިލާތަކުގެ ކުދިންނާ އަޅާބަލާ އިރު ކަންކަމުގައި ކާމިޔާބު ހޯދުމުގައި 49 ޕަސެންޓް އިތުރު ކުދިންނެވެ.

މި ދިރާސާ އަށް އިޝާރާތްކުރައްވައި ނިއު ޒީލޭންޑްގެ އޮޓާގޯ ޔުނިވަސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރު އެލައިން ރީޒް ވިދާޅުވީ ގުޅުން ބަދަހި އާއިލާތަކުގައި ބޮޑުވާ ކުދިންނަކީ އެ ކުދިންގެ ދިރިއުޅުމާ ދޭތެރޭ ވަރަށް ސީރިއަސްކޮށް ދެކޭ ކުދިންނެވެ.

"އެފަދަ ކުދިންނަކީ އެ މީހުންގެ ދިރިއުޅުމަކީ ވަރަށް މުހިއްމު އަދި މަގުސަދެއް އޮންނަ ކަމެއް ކަމަށް ދެކޭ ކުދިން. އަދި ކަންކަމާ ދޭތެރޭ އަބަދު ވެސް އިޖާބީ ނަޒަރަކުން ވިސްނާ ކުދިން." އޭނާ ވިދާޅުވި އެވެ.