Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

ލަންކާ އަށް މަންކީޕޮކްސްގެ ބިރެއް ނެތް

މި ވަގުތު ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ މަންކީޕޮކްސްގެ ސްރީ ލަންކާގައި ފެތުރުމުގެ ބިރެއް ނެތް ކަމަށް އެ ގައުމުން ބުނެފި އެވެ.

މި ވަގުތު އިގުތިސާދީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ވެސް އޮތް ގައުމުގެ ފެކަލްޓީ އޮފް މެޑިސިންގެ އެލަޖީ، އިމިއުނޮލޮޖީ އެންޑް ސެލް ބައޮލޮޖޯ ޔުނިޓްގެ ޑިރެކްޓަރު ޑރ. ޗަންދިމާ ޖީވަންދަރާ ވިދާޅުވީ މަންކީޕޮކްސް ލަންކާގައި ފެތުރުމުގެ ބިރެއް މި ވަތުތި ނެތް ކަމަށާއި ރައްޔިތުން އެކަމާ އެއްވެސް ވަރަކަށް ކަންބޮޑުވާން ވެސް ނުޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ލަންކާގެ އާބާދީގެ 45 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑު ނިސްބަތަކީ ކުރިން ސްމޯލްޕޮކްސް ވެކްސިން ދީފައިވާ މީހުންނަށްވާތީ، އެއީ މަންކީޕޮކްސް އިން ދިފާއުވާން ވެސް ލިބޭ ބޭރެއް ކަމަށެވެ. ލަންކާގައި މަންކީޕޮކްސް އަށް ފަރުވޭދޭނެ އެންޓިވައިރަލް ވެސް ލިބެން އެބަހުރި ކަމަށް ޗަންދިމާ ވިދާޅުވި އެވެ.

"އެކަމަކު މި ވަގުތު ބޮޑު ވެކްސިން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަކީ ވެސް މުހިއްމު ކަމެއް ނޫން. އާންމުންނަށް ދޭން އޮތް މެސެޖަކީ ކަންބޮޑުނުވާށޭ." އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައިވާ ގޮތުގައި މިހާރު 12 ގައުމަކުން މަންކީޕޮކްސްގެ 80 ކޭސް ފެނިފައިވެ އެވެ. އަދި އިތުރު 50 ކޭހެއް ރިޕޯޓްކޮށްފައިވާތީ އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ މަންކީޕޮކްސް މުޅި ދުނިޔެ އަށް ފެތުރިދާނެތީ އެކަމަށް ސަމާލުވެ ތިބުމަށް ގޮވާލައިފަ އެވެ.