Last Updated: March 29, 10:57
Friday, March 29, 2024
ޚަބަރު

ސްކޫލް ނިންމާ ކުދިން ސިފައިންގެ ތަމްރީނު ހަދަންޖެހޭ

ސްކޫލް ނިންމާ ކޮންމެ ފިރިހެން ކުއްޖަކު ވެސް ސިފައިންގެ ތަމްރީނު ހަދަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރޭ "ދިވެހި ޗެނަލް" ގައި ވާހަކަަދައްކަމުން އުމަރު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އޮންނަން ވާނީ ވަކި ގައުމަކަށް ބުރަ ނުވާ ގޮތަކަށް ކަމަށާއި އެ ސިޔާސަތު ހިފެހެއްޓުމާއެކު ރާއްޖޭގެ ސަލާމަތީ ބާރުތައް ވެސް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ސްކޫލް ނިންމާ ހުރިހާ ކުދިންނަކީ ސިފައިންގެ ތަމްރީނު ހަދާ މީހުންނަށް ވާންޖެހޭ ކަމަށާއި ނޭޝަނަލް ސާވިސް ރާއްޖެ އަށް ގެންނަންޖެހޭ ކަމަށް އުމަރު ވިދާޅުވި އެވެ.

"ސްކޫލް ނިންމާ ކޮންމެ ފިރިހެން ކުއްޖަކީ ސިފައިންގެ ތަމްރީނު ހަދާ ކުއްޖަކަށް ވާންޖެހޭ އެއް އަހަރު ދުވަސް ވަންދެން. މާނައަކީ ރާއްޖޭގެ އާބާދީގެ އެއްލައްކަ މީހުންނަކީ ގާތްގަނޑަކަށް ހަތިޔާރު އުފުލަން ދަންނަ ހަނގުރާމަ ކުރަން ދަންނަ މީހުންނަށް ވާންޖެހޭ" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިފަދަ ތަމްރީނުތައް ހަދައި ތައްޔާރުވަނީ އެއްވެސް ބަޔަކާއި ހަނގުރާމަ ކުރަން ނޫން ކަމަށާއި ނަމަވެސް ހަނގުރާމަ ކުރަން ޖެހިއްޖެނަމަ ހަނގުރާމަ ކުރުމަށް ކަމަށެވެ. އެގޮތުން އެއީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމަށްފަހު ދެން ރާއްޖޭގައި އުފެދުނު ވެރިކަންތަކުން އަބަދުވެސް އޮތީ ކޮންމެވެސް އެއް ގައުމަކަށް ބުރަވެފައި ކަމަށާއި މިހާރު ފެންނަނީ އޭގެ ނަތީޖާ ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އެގޮތުން އިންޑިއާ އާއި ޗައިނާއަށް އިޝާރާތް ކުރައްވަމުން އުމަރު ވަނީ މިއަދު ރާއްޖެ ވަދެގެން އުޅެނީ ވަންނަން ނުޖެހޭ ބޭކާރު ތަޅާފޮޅުމެއްގެ ތެރެއަށް ކަމަށްވެސް ވިދާޅުވެފަ އެވެ.