Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

މުޅި މާލޭގައި ކަރަންޓް ނެތި ގަޑިއެއްހާ އިރު

ވެރިރަށް މާލޭގައި ކަރަންޓް ނެތްތާ ގަޑިއެއްހާ އިރު ފަހުން ބޮޑު ބަޔަކަށް އަލުން ކަރަންޓް ދޭން ފަށައިފި އެވެ.

މުޅި މާލޭން ކަރަންޓް ކެނޑުމާ ގުޅިގެން އެތައް ކަމަކަށް ބުރޫ އަރައި، އާންމުންނަށް ބެސް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފަ އެވެ. މިހާރު ބޮޑު ސަރަހައްދަކަށް ކަރަންޓް ދީފައިވާ އިރު، ސްޓެލްކޯ އިން ބުނީ ކަރަންޓް މިހާރު ނުލިބޭ ސަރަހައްދުތަކަށް ވެސް ވަރަށް އަވަހަށް ކަރަންޓް ދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެ ކުންފުނިން ބުނީ މުޅި މާލޭން ކަރަންޓް ދިޔައީ ކަރަންޓް ފޯރުކޮށްދޭ 13 ފީޑަރުގެ ތެރެއިން ފީޑަރު 8 އަށް ދިމާވި މައްސަލައަކާ ހެދި ކަމަށެވެ.

އެހެންވެ ދިމާވި މައްސަލަ ދެނެގަނެވި ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެހެން ހުރިހާ ފީޑަރެއް އެނާޖައިޒް ކުރެވި މިހާރު ކަރަންޓު ބޮޑު ބަޔަކަށް ލިބޭނެ ކަމަށް ބުންޏެވެ.

ފީޑަރު 8 ގައި ހިމެނޭ 9 ސަބް ސްޓޭޝަނަށް އެހެން ފީޑަރުތައް މެދުވެރިކޮށް ވަގުތީ ގޮތުން ކަރަންޓު ފޯރުކޮށްދޭން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.