Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

އައްޑޫގައި ކާޅު ގިނަތޯއާ މެދު ސުވާލު އުފައްދައިފި

އައްޑޫގައި މިހާރު އަނެއްކާ ވެސް ކާޅުވެ އިތުރުވެ، އެކަމުގެ ކަންބޮޑުވުން އައްޑޫ ސިޓީ ކައުންސިލުން ފާޅުކޮށްފައި ވަނިކޮށް އައްޑޫގައި ކާޅުގެ އާބާދީ ގިނަތޯއާ މެދު އެންވަޔަމަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސުވާލު އުފައްދައިފި އެވެ.

މިހާރު އައްޑޫގައި ކާޅުގެ އުނދަގޫ އެންމެ ބޮޑުވެފައި ވަނީ މީދޫގަ އެވެ. އެ އަވަށު ކައުންސިލަރު އައިމިނަތު ސޯލިހާ އިއްޔެ ވިދާޅުވީ ކާޅުގެ އާބާދީ އިތުރުވާތީ ރައްޔިތުންނާއި ކައުންސިލުން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި ކާޅުގެ ނުރައްކާ އެންމެ ބޮޑީ އައްޑޫގައި ހިމާޔަތްކޮށްފައިވާ ދޮންދީނި އަށް ކަމަށް ވެސް ވިދާޅުވި އެވެ.

ސާލިހާ ވިދާޅުވި ގޮތުގައި ދޮންދީނީގެ ބިސްތައް ބުއިމާއި ދޫނިތަކަށް ކާޅު ހަމަލާދިނުން މައްސަލަތައް ބޮޑެވެ. އެހެންވެ މިކަމާ ހެދި ދޮންދީނީގެ އާބާދީ އަށް ވެސް ނުރައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސާލިހާ ވިދާޅުވީ މީދޫގައި މިހާރު ވެސް ހައެއްކަ ކާޅު އުޅޭ ކަމަށާއި އެ އެއްޗެހި މަރައިދޭން ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް އެދިގެން އެއްވެސް އިޖާބައެއް އަދި ލިބިފައި ނެތް ކަމަށެވެ. ކާޅު ގިނަވަގެން މިދިޔަ އަހަރުގެ މެދުތެރޭގައި ވެސް މީދޫގައި ސިފައިން ބަޑި ޖަހައިގެން ކާޅުތަކެއް މެރި އެވެ.

ކާޅުގެ މައްސަލާގައި އައްޑޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމް އިއްޔެ މީޑީއަކަށް ދެއްވ އިންޓަވިއުއެއްގައި ވަނީ ކަންބޮޑުވާ މިންވަރަށް އައްޑޫގައި ކާޅު ގިނަތޯ ސުވާލު އުފައްދަވައިފަ އެވެ. އެހެންވެ ކާޅުގެ ސަބަބުން ދޮންދީނިގެ އާބާދީ ނެތިގެން ހިނގައިދާނެތޯ ވެސް ސުވާލުކުރައްވާފައިވެ އެވެ.

އައްޑޫ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި އައްޑު އަށް މި ފަހަކަށް އައިސް ކާޅުގެ އުނދަގޫ ކުރިމަތިވެފައި ވަނީ ބަޔަކު އައްޑު އަށް ގެންދިޔަ ކާޅުތަކެއް އާލާވެގެންނެވެ.

ނައިމު ވިދާޅުވީ އައްޑު އަކީ ކާޅު ނެތް ތަނެއް ކަމަށް ވަރަށް ކުރިއްސުރެ ވެސް ބުނާ ކަމަށެވެ. އެހެންވެ އެކަމުގެ ހަގީގަތް ވެސް ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސީޝެލްސް ކަހަލަ ގައުމުތަކަކީ ދޮންދީނި އާއި ކާޅު ވެސް އުޅޭ ތަންތަނެވެ.

ނައީމް ވިދާޅުވީ އެއްވެސް ބާވަތެއް މާ ބޮޑަށް ގިނަވެ، ޕެސްޓަކަށްވެއްޖެ ނަމަ އެ އެއްޗެއް މަދު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކައުންސިލްތަކަށް މިހާރު ކުރެވޭނެ ކަމަށެވެ.

"އޭގެ މާނަ އަކީ އެއްވެސް އެއްޗެއް ނައްތާލައި ހުސްކޮށްލުމެއް ނޫން. ރާއްޖޭގައި މި އުޅެނީ ކާޅުގެ ކޮން ވައްތަރެއްތޯ ވެސް ބަލަން އެބަޖެހޭ. ހަމަ އެކަނި ދޮންދީނި އަކަށް ނޫނެއް ނޫންތޯ ބަލަންޖެހޭނީ." ނައީމް ވިދާޅުވި އެވެ.

ހިމާޔަތްކޮށްފައިވާ ދޮންދީނި އަކީ ރާއްޖޭގައި އައްޑު އަށް ހާއްސަ ދޫންޏެއްގެ ގޮތުގައި މަޝްހޫރު އެއްޗެކެވެ. އަދި އެއީ އައްޑޫ ރަމްޒުކޮށްދޭ ފަހުރެއް ވެސް މެ އެވެ.