Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ޕާޓީތަކުގެ މެމްބަރުން "ވަގަށް ނަގަނީ" އީސީ ބައިވެރިވެގެން

ސިޔާސީ ޕާޓީތަކަށް "ވަގަށް" މީހުން ވެއްދުމަކީ އިލެކްޝަން ކޮމިޝަން (އީސީ) ގެ ބައިވެރިވުން އޮވެގެން ކުރާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ނޭނގި އެއް ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރަން އީސީން މިހާރު ފިޔަވަޅުތަކެއް ވެސް އަޅާފައިވާތީ އެކަމަށް އިޝާރާތްކުރައްވައި ޕީޕީއެމަށް ނިސްވަތްވެވަޑައިގަންނަވާ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމިޝަނުގެ އިހުމާލުން ނުވަތަ ބައިވެރިވުން އޮވެގެން ޕާޓީތަކުގެ މެމްބަރުން ވަގަށް ނަގައި އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ސައްހަކުރަން މިހާރު މަސައްކަތްކުރަނީ ކަމަށެވެ.

އޭނާ ވިދާޅުވީ އީސީގެ ދަފުތަރާ އެއްގޮތަށް ޕާޓީތަކުގެ މެމްބަރުންގެ ދަފުތަރު އެކުލަވައިލަން ކޮމިޝަނުން އެދުނަސް އެ ކަމަކީ އެ ކޮމިޝަނުން ގާނޫނީ ހައިސިއްޔަތެއް ލިބިގެން ކުރަން އުޅޭކަމެއް ނޫންކަން ގާނޫނު ނ. 2013/4 އިން ވެސް ސާފުވާ ކަމަށެވެ.

"ކަމިޝަނުގެ އިހްމާލުން ނުވަތަ ބައިވެރިވުން އޮވެގެން ޕާޓީތަކުގެ މެމްބަރުން ވަގަށް ނަގާ އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ޞައްޙަކުރަން މި އުޅެނީ،" ޖަމީލު ވިދާޅުވި އެވެ. "މިއީ ކަންބޮޑުވާން ޖެހޭ ޖަރީމާއެއް."