Last Updated: April 27, 08:49
Saturday, April 27, 2024
ޚަބަރު

ދާއިމީކޮށް ރާއްޖޭގައި ބޭރުގެ ސިފައިން ތިބުން މަނާކުރާ ބިލެއް

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބުމަކީ ގައުމީ ސަލާމަތަށް ނުރައްކަވާ ކަމެއް ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.

"ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ" ބިލުގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ބިލު މަޖިލީހަށް ފޮނުވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރެވެ.

އެ ބިލުގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަމުގެ ތެރޭގައި ވަނީ ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މުއްދަތެއްގައި މެނުއީ، ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ނުވަތަ އަސްކަރީ ބަޔަކު ރާއްޖޭގައި ތިބުން ހިމަނާފަ އެވެ. އަދި ބޭރު ޤައުމެއްގެ ސިޔާސީ ނުވަތަ އިޤްތިޞާދީ ނުވަތަ ޢަސްކަރީ ބާރުގެ ދަށަށް ނުވަތަ ނުފޫޒުގެ ދަށަށް ރާއްޖޭގެ ސިޔާދަތީ ބާރުތައް ދިއުން ނުވަތަ މިނިވަންކަން ގެއްލުމަކީ ވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

އާދަމް ޝަރީފްގެ ބިލުގައިވާ ގޮތުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާ ވާނެކަމަށް ބެލެވޭ މަޢުލޫމާތު ދިނުން
ނުވަތަ ސިއްރިއްޔާތުގައި އެފަދަ މަޢުލޫމާތު ހޯދުން ނުވަތަ ހޯދަން މަސައްކަތް ކުރުން އަދި އެއްވެސް މީހަކު ނުވަތަ ބަޔަކު ރާއްޖެއާ ދެކޮޅަށް ޖާސޫސް ކުރުމަކީ ވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެކެވެ.

މީގެއިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުފަދަ އިންތިޚާބުތަކުގެ ނަތީޖާ އޮޅުވާލުން ނުވަތަ ނަތީޖާއާމެދު ޝައްކު އުފެދޭ ޙާލަތެއް މެދުވެރިވުމަކީ ވެސް ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ. އަދި ގައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކާ ބެހޭގޮތުން މީޑިއާއިން މަޢުލޫމާތު ހޯދުމަކީ ޖާސޫސްކުރުން ކަމުގައި ނުބެލެވޭނެ ކަމަށްވެސް ބިލުގައިވެ އެވެ.

ރައްޔިތުންނަށް ލިބިދޭ ޤާނޫނީ ޙައްޤުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ނުވަތަ އިހުތިޖާޖުކުރުމަށް، ޤާނޫނުތަކާ ޚިލާފްނުވެ ހިންގާ ޞުލްޙަވެރި ޙަރަކާތްތައް ޤައުމީ ސަލާމަތަށް ނުރައްކާވުމުގެ
ތެރެއިން އިސްތިސްނާ ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ބިލުގައިވާ ގޮތުން ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ޢަމަލެއް ހިންގުމަކީ ނުވަތަ ހިންގަން އުޅުމަކީ ޤާނޫނީ ކުށެކެވެ. މިކުށުގެ އަދަބަކީ 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް އެނގިހުރެ، އެ މަޢުލޫމާތު ޤައުމީ ސަލާމަތާބެހޭ ކައުންސިލަށް ނުވަތަ ސަލާމަތީ ޚިދުމަތްތަކަށް ނުދިނުމަކީ ވެސް ކުށެކެވެ. އެ ކުށުގެ އަދަބަކީ އެއް އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އޭގެއިތުރުން ޤައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއްގައި، ޖާސޫސްކުރުމަކީ އަދި ޖާސޫސްކުރުމަށް އެހީތެރިވެދިނުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިވާއިރު އެ ކުށަށް ކަނޑައަޅާފައިވާ އަދަބަކީ 5 އަހަރާ 7 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.