Last Updated: April 26, 23:59
Friday, April 26, 2024
މުނިފޫހިފިލުވުން

"ގުޑްފެލާސް" ގެ ބަތަލު މަރުވެއްޖެ

މީގެ 32 އަހަރު ކުރިން ގެނެސްދީގެން ބެލުންތެރިންގެ މެދުގައި ވަރަށް މަޝްހޫރުވި ހޮލީވުޑްގެ ފިލްމެއް ކަމަށްވާ "ގުޑްފެލާސް" ގެ އެކްޓަރު ރޭ ލިއޮޓާ މަރުވެއްޖެ އެވެ.

މީޑިއާތަކުން މިރޭ ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ނިއު ޖާޒީ އަށް އުފަން 67 އަހަރުގެ އެކްޓަރު މަރުވީ ޑޮމިނިކަން ރިޕަބްލިކްގަ އެވެ. އޭނާ ދިޔައީ އެ ގައުމުގައި ފިލްމު "ޑޭންޖަރަސް ވޯޓާ" ގެ މަސައްކަތްކުރަމުންނެވެ. ރޭ މަރުވި ކަމަށް މިޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ނިދި ގޮތަށް ހޭނުލައިގެން ބެލި އިރު، މަރުވެފައި އޮތް ވާހަކައާ އެކީގަ އެވެ. އިތުރު ތަފުސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅުނު ލިއޮޓާ މަރުވި އިރު، ކައިވެންޏަކަށް ވެސް ދިޔައީ ތައްޔާރުވަމުންނެވެ. އޭނަ އާއި ޖޭސީ ނިޓޯލާ އެންގޭޖްވެފައިވެ އެވެ. ލިއޮޓާ ކުރީގެ ކައިވެންޏަށް ކާސެން ލިއޮޓާ ކިޔާ 23 އަހަރުގެ އަންހެން ކުއްޖަކު އެބަ ހުއްޓެވެ. އެއީ "ޕްރިޓީ ފޭސް" އާއި "އަ ރޫމާ އޮފް އެންޖެލްސް" ގެ އިތުރުން "އަ ރޯޒް ފޯ އެމިލީ" ފަދަ ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ.

ލިއޮޓާގެ ކެރިއަރުގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ފީލްޑް އޮފް ޑްރީމްސް 1989، ސަމްތިން ވައިލްޑް 1986، އަންލޯފުލް އެންޓްރީ 1992 އަދި ހެނިބަލް (2001) ހިމެނެ އެވެ.

އޭނަގެ "ގުޑްފެލާސް" އަކީ މަޝްހޫރު ޑައިރެކްޓަރު މާޓިން ސްކޮސިސް 1990 ގައި ގެނެސްދިން ފިލްމެކެވެ. އެ ބައޮގްރަފިކަލް ކްރައިމް ޑްރާމާގެ ކާސްޓްގައި ރޮބަޓް ޑި ނީރޯ އާއި ޖޯ ޕެސްކީ ވެސް ހިމެނެ އެވެ.

ލިއޮޓާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ "މެނީ ސެއިންޓްސް އޮފް ނެވާކް" އިންނެވެ. އަދި އޭނަ މުހިއްމު ރޯލެއް ކުޅެފައިވާ އެޕަލް ޓީވީ ޕްލަސްގެ ސީރީޒް "ބްލެކް ބާޑް" އަންނަ ޖުލައި މަހުގެ 8 ގައި ޕްރީމިއާކުރާ ހަމަޖެހިފައިވެ އެވެ.