Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ލަންކާ މީހުން ޖަޕާނު ބަސް ދަސްކުރަން ޖެހޭ

ޖަޕާނުން ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތައް ލިބެން ހުންނާތީ ސްރީ ލަންކާގެ ރައްޔިތުން އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޖަޕާން ބަސް ކޮންމެހެން ވެސް ދަސްކުރަން ޖެހޭ ކަމަށް އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ރައީސް މިކަމާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކީ މަޝްވަރާތަކެއް ވެސް ބުދަ ދުވަހު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ގޮޓަބަޔާ ވަނީ ގައުމުން ބޭރުން ވަޒީފާތައް ހޯދަން ލަންކާ މީހުންނަށް ހިތްވަރުދީ، އެފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ބޭރުގެ އެކި ބަސްތައް ދަސްކުރަން މުހިއްމު ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިހާރު ވެސް ޖަޕާނުން 350،000 އަށް ވުރެ ވަޒީފާގެ ފުރުސަތުތައް ލިބެން އެބަހުއްޓެވެ. އޭގެ ތެރޭގައި ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނާއި ކޭޓަރިންގެ ހިދުމަތްދޭ ތަންތަން ހިމެނެ އެވެ.

އެހެންވެ ޖަޕާނުގެ ވަޒީފާގެ ބާޒާރުގައި ލިބެން ހުރި ފުރުސަތުތައް ލަންކާ މީހުން ހިފުމަށް ބާރު އެޅުމުގެ ގޮތުން އެ ގައުމުގެ ތަމްރީނާއި ތައުލީމުދޭ ސަރުކާރާއި އަމިއްލަ އިދާރާތަކުގައި ވެސް ޖަޕާން ބަސް ދަސްކޮށްދޭން ޕްރޮގްރާމްތަކެއް ފަށަން ރައީސް ގޮޓަބަޔާ އެދިވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި ނެޝަނަލް އެޕްރެންޓިސް އެންޑް އިންޑަސްޓްރިއަލް ޓްރެއިނިން އޮތޯރިޓީ އާއި ވޮކޭޝަނަލް ޓްރެއިނިން އޮތޯރިޓީގެ އިތުރުން ފޮރިން އެމްޕްލޯއިމަންޓް އޮތޯރިޓީ ހިމެނެ އެވެ.

ލަންކާ މީހުންނަށް ޖަޕާނު ބަސް ދަސްކޮށްދޭން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ އިރު، އެ ގައުމު މިހާރު އޮތީ މާލީ އަދި އިގުތިސާދީ ވަރަށް ބޮޑު ތަދުމަޑުކަމެއްގެ ތެރޭގަ އެވެ.