Last Updated: April 26, 23:59
Friday, April 26, 2024
ވިޔަފާރި

ސެމްސަންގް 356 ބިލިއަންގެ އިންވެސްޓްމަންޓަކަށް

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 356 ބިލިއަން ޑޮލަރު އިންވެސްޓްކޮށް، 80،000 ވަޒީފާ ވެސް އަލަށް އުފައްދަން ނިންމާފައިވާ ކަމަށް ދެކުނު ކޮރެއާގެ މަޝްހޫރު ކުންފުނި، ސެމްސަންގުން ބުނެފި އެވެ.

ދުނިޔޭގެ ފޯނުގެ ބާޒާރުގައި ވެސް އެންމެ ނަގާ ކިޔާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސެމްސަންގުން ބުނި ގޮތުގައި ވިޔަފާރި އިތުރަށް ފުޅާކޮށް ވަރުގަދަކުރަން 2026 އާ ހަމައަށް 450 ޓްރިލިއަން ވޮން (365 ބިލިއަން ޑޮލަރު) އިންވެސްޓްކުރަން ނިންމާފައިވާ އިރު، އޭގެ ތެރެއިން 360 ޓްރިލިއަން ވޮން (285 ބިލިއަން ޑޮލަރު) އިންވެސްޓްކުރާނީ ސީދާ ދެކުނު ކޮރެއާގަ އެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ބޮޑު އިންވެސްޓެއްކުރަން ނިންމި އިރު މައިގަނޑު ގޮތެއްގައި މިކަން އަމާޒުކުރާނީ ޗިޕް އުފެއްދުމާއި ބައޯފާމަސޫޓިކަލްތަކަށެވެ. އެހެންވެ އެ ދެ ދާއިރާ އަށް ފާއިތުވި ފަސް އަހަރުކުރި ވަރަށް ވުރެ 30 ޕަސެންޓްގެ އިތުރު އިންވެސްޓްމަންޓްކުރާނެ އެވެ.

ސެމްސަންގުން ބުނި ގޮތުގައި ވަޒީފާތައް އިތުރުކުރަން ރާވާފައިވާ ޕްލޭންގެ ދަށުން 2026 އާ ހަމައަށް އަންނަ އިރު، ކޮންމެ އަހަރަކު މަދުވެގެން 16،000 ވަޒީފާ އުފައްދާނެ އެވެ. އަދި އަލަށް އުފައްދާ 80،000 ވަޒީފާގެ ތެރެއިން ގިނަ ވަޒީފާތައް ވެސް ހާއްސަކުރާނީ ދެކުނު ކޮރެއާށެވެ. އެކަމަކު އެމެރިކާ އާއި އިނގިރޭސިވިލާތާއި ކެނެޑާ އަދި ފިލިޕީންސްގައި ވެސް ވަޒީފާތައް އިތުރުކުރާނެ އެވެ.

މީގެ 53 އަހަރު ކުރިން ވުޖޫދަށް އައި ސެމްސަންގްގެ މުވައްޒަފުންގެ އަދަދު މިހާރު ވެސް 287،400 އަށް ވުރެ ގިނަ އެވެ. އެ ކުންފުންޏަކީ އިލެކްޓްރިކް ވަރަށް ގިނަ ސާމާނު އުފެއްދާ ކުންފުންޏެކެވެ.