Last Updated: April 26, 06:56
Friday, April 26, 2024
ރިޕޯޓް

އީޕީއޭ އަށް: އައްޑޫގައި ކާޅު އޮތް ވަރު ފެނޭތަ؟

އައްޑޫގައި ކަންބޮޑުވާން ޖެހޭ ވަރަށް ކާޅު އުޅޭތޯއާ މެދު އެމްވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ސުވާލު އުފެއްދުންވީ އައްޑޫގެ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވި ކަމަކަށެވެ. މީދޫން ދަނީ އެ އަވަގައި ކާޅު އުނދަގޫ ބޮޑުވެގެން އެކަމުގެ ޝަކުވާކުރަމުންނެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ކާޅު މަރައިނުދޭތީ އަވަށުގެ ރައްޔިތުން ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

އައްޑޫގައި ކާޅުގެ އާބާދީ އޮތް މިންވަރާ މެދު އީޕީއޭ އިން ސުވާލު އުފައްދާ ނަމަ އެތަނުން މި ވީޑިއޯ ބަލައިލުން ވެސް ރަނގަޅެވެ. މި ވީޑިއޯގައި ފެންނަ ގޮތުގައި އައްޑޫގައި ކާޅުގެ އާބާދީ އިތުރުވަމުންދާކަން މިއޮތީ ފެންނާށެވެ.

މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ މިދިޔަ ހަފުތާގައި "އައްޑޫ ލައިވް" އަށް ވިދާޅުވި ގޮތުގައި އެ އަވަށުގައި ކަށަވަރުކޮށް ހައެއްކަ ކާޅު އުޅެ އެވެ. އެކަމަކު އެ އަވަށު މީހަކު މިއަދު އާންމުކުރި މި ވީޑިއޯ އިން ފެންނަ ގޮތުގައި މީދޫގައި މިހާރު ކާޅު އެއަށް ވުރެ ގިނަ އެވެ.

އައްޑޫގެ ބައެއް އެހެން އަވަށްތަކުގެ މީހުން ބުނެފައިވާ ގޮތުގައި އެ އަވަށްތަކުން ވެސް މިހާރު ދަނީ ކާޅު ފެންނަމުންނެވެ. އެގޮތުން ފޭދޫ މީހަކު ބުނީ މިއަދު މެންދުރެއްހާ އިރު އެ އަވަށުން ކާޅުގެ ބޮޑު ބައިގަނޑެއް ފެނުނު ކަމަށެވެ. އެހެންވެ މިހާރު ބެލެވޭ ގޮތުން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކާޅު އުޅުމުގެ ފުރުސަތު ބޮޑެވެ. މި މައްސަލަ ކުރިން ވެސް ދިމާވެފައިވެ އެވެ.

އައްޑޫގައި ކާޅު ގިނަވާތީ ގިނަ ބަޔަކު ކަންބޮޑު ވަނީ ޒަމާނުއްސުރެ ވެސް ކާޅު ނޫޅޭ އައްޑޫގައި ފަހަކަށް އައިސް ކާޅުތައް އިތުރުވެ، އޭގެ ސަބަބުން ހިމާޔަތްކޮށްފައިވާ ދޮންދީނީގެ އާބާދީ އަށް މީގެ ނޭދެވޭ އަސަރުކުރާތީ އެވެ. އެގޮތުން ދޫނިތަކުގެ ބިސް ބުއިމާއި ޅަ ދޫނީތަކާއި ބޮޑެތި ދޫނިތަކަށް ވެސް ކާޅު ހަމަލާތައް ދެ އެވެ.

އެހެންވެ އަޅާނުލައި ތިއްބައި އައްޑޫގައި ކާޅުގެ އާބާދީ ކޮންޓްރޯލުން ނައްޓައިފި ނަމަ އެއީ އައްޑޫގެ ވެއްޓަށް ލިބޭނެ ވަރަށް ބޮޑު ދެރައަކަށް ވާނެ އެވެ.

ކާޅުގެ މައްސަލާގައި އައްޑޫން ކަންބޮޑުވުން ފާޅުކުރުމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމު ވިދާޅުވެފައި ވަނީ އައްޑު އަކީ ކާޅު ނެތް ތަނެއް ކަމަށް ވަރަށް ކުރިއްސުރެ ވެސް ބުނާ ކަމަށެވެ. އެހެންވެ އެކަމުގެ ހަގީގަތް ވެސް ސާފުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސީޝެލްސް ކަހަލަ ގައުމުތަކަކީ ދޮންދީނި އާއި ކާޅު ވެސް އުޅޭ ތަންތަނެވެ.

"އޭގެ މާނަ އަކީ އެއްވެސް އެއްޗެއް ނައްތާލައި ހުސްކޮށްލުމެއް ނޫން. ރާއްޖޭގައި މި އުޅެނީ ކާޅުގެ ކޮން ވައްތަރެއްތޯ ވެސް ބަލަން އެބަޖެހޭ. ހަމަ އެކަނި ދޮންދީނި އަކަށް ނޫނެއް ނޫންތޯ ބަލަންޖެހޭނީ." ނައީމް ވިދާޅުވި އެވެ.