Last Updated: April 25, 10:16
Thursday, April 25, 2024
ތިމާވެށި

ނުރައްކާތެރި ކުންޏާ ގުޅޭ މަސައްކަތަށް ކޮންސަލްޓަންޓަކު ހޯދަނީ

އައްޑޫގައި ގާއިމުކުރަން ނިންމާފައިވާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލެހެއްޓުމާއި އެ މަސައްކަތާ ގުޅޭ ގޮތުން އިންޖިނިއަރިން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 8 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އައްޑޫގައި ހަދަން ނިންމާފައިވާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒަކީ މިނިސްޓްރީން ކުރިއަށް ގެންދާ "އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތުރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް" ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރަން ހަމަޖެހިފައިވާ ތަނެކެވެ. އަންނަ ޖުލައި މަހުގެ ތެރޭގައި މީގެ އަމަލީ މަސައްކަތް ފަށަން ރާވާފައިވާ އިރު، މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ ހިތަދޫގެ އައު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގަ އެވެ.

މިކަން ކުރިއަށް ގެންދަނީ އާންމުންގެ ހިޔާލު ވެސް ހޯދައިގެންނެވެ.