ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ" ފްރެންޗައިޒްގެ ތިން ވަނަ ފިލްމުން ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ފެނިދާނެކަމުގެ ވާހަކަތަކެއް ދެކެވެން ފަށައިފި އެވެ.
ބައެއް މީޑިއާތަކުން ބުނީ ތިން ވަނަ ބައިގެ ރޯލަކަށް އޭނާ ގެނައުމާ ބެހޭ ގޮތުން ޕްރޮޑިއުސަރުންގެ މެދުގައި މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
"ކޭޖީއެފް: ޗެޕްޓާ 3" އާ ބެހޭ ގޮތުން ކޯ-ޕްރޮޑިއުސަރު ވިޖޭ ކިރަންގަންދޫރް އޭޝިއާނެޓް ނިއުސަބަލް އިން ދިން އިންޓަވިއުއެއްގައި ބުނީ ތިން ވަނަ ބައިގެ މަސައްކަތް ފެށޭނެ އިރެއް ބުނަން ދަތި ކަމަށެވެ. އަދި ފިލްމަށް ކާސްޓުން ނަގާނީ އޭގެ މަސައްކަތް ފަށަން ތާވަލުކުރާ ދަނޑިވަޅާ ދިމާކޮށް ވަގުތި ދެވެން ހުރި ތަރިންނަށް އިސްކަން ދީގެން ކަމަށް ބުންޏެވެ.
އެހެންވެ ރިތިކް ފިލްމުން ފެނިދާނެކަމާ ބެހޭ ގޮތުން ކިރަން ވަކި އެއްޗެއް ނުބުނެ އެވެ. "ކޭޖީއެފް" ގެ ލީޑް ތަރި އަކީ މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝް އެވެ. މި އަހަރު އިންޑިއާ އިން ގެނެސްދިން ފިލްމުތަކުގެ ތެރެއި އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ކޭޖީއެފް؛ ޗެޕްޓާ 2" އަކީ ބޮލީވުޑްގެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ރަވީނާ ޓަންޑަން ވެސް މުހިއްމު ރޯލުތަކެއް ކުޅުނު ފިލްމެކެވެ.
"މި އަހަރަކު ހަމަ ގައިމު ވެސް ތިން ވަނަ ބައިގެ މަސައްކަތެއް ނުފަށާނެ. ޑައިރެކްޓަރު ޕްރަޝާންތު ނީލް މި ވަގުތު އުޅެނީ ޕްރަބާސްގެ ސަލާރުގެ މަސައްކަތްކުރަމުން. ދެން ޔާޝް ވެސް އުޅެނީ އެހެން ފިލްމެއްގެ މަސައްކަތް ފަށަން،" ކިރަން ބުންޏެވެ. "ތިން ވަނަ ބައިގެ މަސައްކަތް ފަށާނީ އެ ވަގުތަކު އަހަރެމެންނަށް ވަގުތު ދެވެން އޮތް ކާސްޓަކާ އެކު. އެހެންވީމަ މި ވަގުތު އަދި ނެތް އޭގެ މަސައްކަތް ފަށާނެ ވަކި ދުވަހެއް ކަނޑައަޅާފައެއް."
ރިތިކް އަތުގައި މި ވަގުތު ތިން ފިލްމެއް އެބައޮތެވެ. އެއީ ޝޫޓިން ފަށާފައި އޮތް "ވިކްރަމް ވޭދާ" އާއި ޝޫޓިން އަށް ތައްޔާރުވާ "ފައިޓާ" ގެ އިތުރުން ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ބައެވެ. ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ވޯ" އެވެ.
މިދިޔަ މަހުގެ 14 ގައި ރިލީޒްކުރި "ކޭޖީއެފް: ޗެޕްޓާ" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 1،250 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ. މި ފިލްމު ހެދީ 100 ކްރޯޑްގެ ބަޖެޓަކުންނެވެ. "ކޭޖީއެފް" ގެ ފުރަތަމަ ބައި ރިލީޒްކުރީ 2018 ގަ އެވެ. ޖުމްލަ 80 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމަށް 250 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.