Last Updated: March 29, 02:52
Friday, March 29, 2024
ދުނިޔެ

"ޓްވިޓާ ސާކަލް" މުހިއްމު ފީޗާއަކަށް ވާނެ

ޓްވިޓާ އިން މި މަހުގެ ކުރީކޮޅުން ފެށިގެން ލިމިޓެޑްކޮށް ޓެސްޓްކުރަމުން އަންނަ "ޓްވިޓާ ސާކަލް" ގެ ޓެސްޓިން ފުޅާކުރަން ނިންމައިފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ އެ ފީޗާ ގިނަ ބައެއްގެ މެދުގައި ޓެސްޓްކުރަން ނިންމާފައިވާ އިރު، މާ ލަހެއް ނުކޮށް އާންމުކޮށް ދޫކޮށްލުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ. "ޓްވިޓާ ސާކަލް" އަކީ ކުރާ ޓްވީޓްތައް ވަކި ބަޔަކަށް ފެންނަ ގޮތަށް ހަދައިލެވޭ ފީޗާއެކެވެ. އެހެންވެ މިއީ "ޕްރައިޓް އެކައުންޓެއް" ވެސް ގެންގުޅުން ކަހަލަ ކަމެކެވެ.

މި ފީޗާގައިވާ ގޮތަކީ ކުރާ ޓްވީޓެއް އާންމުކޮށް އެންމެންނަށް ފެންނަހެން ދޫކޮށްލުމުގެ ބަދަލުގައި އެ މީހަކު އިހުތިޔާރުކުރާ ބަޔަކަށް ފެންނާނެ ގޮތް ހެދުމެވެ. އެގޮތުން "ޓްވިޓާ ސާކަލް" އެކްޓިވޭޓްވާނެ ގޮތަކީ ޓްވީޓެއް ދޫކޮށްލުމުގެ ކުރިން އެ ލިޔާ ޓްވީޓަކާ ދިމާއިން ފާޅުވާ ޑްރޮޕްޑައުން މެނޫ އިން "ޓްވިޓާ ސާކަލް" އިހުތިޔާރުކުރުމެވެ.

އެންމެންނަށް ފެންނަ ގޮތަށް ޓްވީޓެއްކުރާ ނަމަ މެނޫ އިން "އިވްރީވަން" އިހުތިޔާރުކުރާނީ އެވެ. އަދި މެނޫ އިން އެޑިޓަށް ގޮސްފައި ޓްވިޓާ ހިއްސާކުރަން ބޭނުންވާ ބަޔަކު ސިލެކްޓްކުރެވޭނެ އެވެ. އަދި ބޭނުން ބަޔަކު ބޭރު ވެސް ކޮށްލެވޭނެ އެވެ. މިގޮތަށް ހެދިޔަސް އެ ބަޔަކަށް ނޮޓިފިކޭޝަނެއް ނުލިބޭނެ އެވެ.

"ޓްވިޓާ ސާކަލް" ގައި 150 މީހަކު ހިމެނިދާނެ އެވެ. އެއީ ފޮލޯކުރާ މީހުންނާއި ނުކުރާ މީހުން ވެސް އިސްތިސްނާ ނުވާ ގޮތަށެވެ.