Last Updated: April 26, 23:00
Friday, April 26, 2024
ވިޔަފާރި

ސެމްސަންގުން ފޯނު އުފެއްދުން މަދުކުރަނީ

ސެމްސަންގުން މި އަހަރު ފޯނު އުފައްދާ މިންވަރު މަދުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދެކުނު ކޮރެއާގެ ކުންފުނީގެ މި ނިންމުމާ ބެހޭ ގޮތުން ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ މި އަހަރު ފޯނު އުފައްދާ މިންވަރު މަދުކުރަން ނިންމީ މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ދުނިޔޭގެ އިގުތިސާދަށް އަރައިފާނެ ލޮމަކަށް ރިއާޔަތްކޮށެވެ. އެހެންވެ މިކަމަކީ ދުރާލައި ސެމްސަންގުން އަޅަން ނިންމި ފިޔަވަޅެއް ކަމަށް ބުންޏެވެ.

ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ހެދި ދުނިޔޭގެ އިގުތިސާދަށް ވަރަށް ބޮޑު އަސަރެއް މިހާރު ވެސް ކޮށްފައިވެ އެވެ. އަދި މީގެ ގެއްލުން ކުުރިއަށް އޮތީ ކަމަށް ބުނެ ވޯލްޑް ބޭންކް ފަދަ ޖަމާއަތްތަކުން އިންޒާރު ވެސް ދީފައިވެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ފޯނުގެ ވިޔަފާރީގައި އެންމެ ނަންކިޔާ އެއް ކުންފުނި ކަމަށްވާ ސެމްސަންގުން މި އަހަރު ފޯނު އުފައްދާ މިންވަރު މަދުކުރަން ނިންމުމާ ގުޅިގެން އެ އަދަދު މިހާރު ވަނީ 280 މިލިއަނަށް މަދުކުރަން ނިންމައިފަ އެވެ. ކުރިން އޮތް ގޮތުން ނަމަ މި އަހަރު އެ ކުންފުނިން މަދުވެގެން 310 މިލިއަން ފޯނު އުފައްދާނެ އެވެ. މީގެ ތެރޭގައި މަތީ ފެންވަރުގެ މޮޑެލްތަކާއި އަގުހެޔޮ ބަޖެޓް ފޯނުތައް ވެސް ހިމެނެ އެވެ.

ފޯނު އުފައްދާ މިންވަރު މި އަހަރު ދަށްކުރަން ނިންމި ނަމަވެސް ސެމްސަންގުން ހުކުރު ދުވަހު ވަނީ 2026 އާ ހަމައަށް 356 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި 80،000 ވަޒީފާ ވެސް އުފައްދާނެ ކަމަށް ބުންޏެވެ.