Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އިތުރު ދައުރަކަށް ބީއެމްއެލްގެ ޗެއާޕާސަނަކަށް ޔޫޝައު

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަނަކަށް ޔޫޝަޢު ސަޢީދު އިތުރު ދައުރަކަށް އައްޔަންކޮށްފި އެވެ.

ޔޫޝަޢު އެ މަގާމަށް ފުރުތަމަ އައްޔަންކޮށްފައިވަނީ ޖުލައި 2021 ގައި ބޭއްވުނު ބޭންކުގެ އަހަރީ އާންމު ޖަލްސާ އަށް ފަހު އެވެ.

ޔޫޝަޢު މިހާރު އަދާކުރައްވަމުންދަނީ ސިމްޑީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރގެ މަގާމެވެ. ޔޫޝަޢު ވަނީ މީގެ ކުރިން ގިނަގުނަ ލީޑަރޝިޕް ރޯލުތަކުގައި މަސައްކަތްކުރައްވާފަ އެވެ. މިގޮތުން، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަން ކަމާއި، އެނާރޖީ އެންޑް ވޯޓާރގެ ދަށުން ހިންގި އެންސީއެސްއޭ ޕްރޮޖެކްޓްގެ ނޭޝަނަލް ޕްރޮޖެކްޓް މެނޭޖަރގެ މަގާމު ހިމެނެ އެވެ.

މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޝިޕިންގ ލިމިޓެޑްގެ ކޯޕަރޭޓް އެފެއާޒް އަދި ފައިނޭންސް މެނޭޖަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ޔޫޝަޢު ވަނީ 10 އަހަރުގެ މުއްދަތެއްގައި ރާއްޖޭގެ އޮޑިޓް އޮފީހުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވާފަ އެވެ. ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަން ގެ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ޔޫޝަޢު ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން 2 އަހަރުވަންދެން މަސައްކަތްކުރައްވާފަ އެވެ.

ބޭންކުން ވަނީ ރޭ އަހަރީ އާންމު ޖަލްސާ ބާއްވާފަ އެވެ. އަދި އަހަރީ އާންމު ޖަލްސާގައި ހުރިހާ މެންބަރުންވެސް އަލުން ޑިރެކްޓަރުންގެ ބޯޑަށް ވަނީ އައްޔަންކޮށްފަ އެވެ.