Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ފަނޑިޔާރު ރައޫފު އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ހައިކޯޓުން ބުނެފައިވަނީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އިސްތިއުފާ ދެއްވާފައިވަނީ މިއަދު ކަމަށެވެ.

ނުހަނު ފަހުން ޖޭއެސްސީން ވަނީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ފްލެޓްތަކެއް ބައްލަވައިގެން މައްސަލައިގައި އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް އެ މައްސަލަ ޖޭއެސްސީން ކުރިއަށް ގެންގޮސްފައި ވަނީ އިޖުރާއަތާ ޚިލާފަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ބުނެފައެވެ.

ޢަބްދުއްރައޫފު އިބްރާހީމް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަނުކޮށް މަޤާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ. އަލްއުސްތާޛު އަބްދުއްރައޫފު އިބްރާހީމަކީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރ ސިޓީން ބެޗްލަރ އޮފް ލޯ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.