Last Updated: April 23, 11:33
Tuesday, April 23, 2024
ކުޅިވަރު

ބުޅަލަށް އަނިޔާކުރުމުން ޒޫމާ އަށް އަދަބެއް!

އިނގިރޭސިވިލާތުގެ މަޝްހޫރު ކުލަބް، ވެސްޓް ހަމަށް ކުޅޭ ފްރާންސްގެ ކުޅުންތެރިޔާ ކާޓް ޒޫމާ އޭނާ ގެންގުޅޭ ބުޅަލަށް އަނިޔާކުރި މައްސަލާގައި ކުރި ދައުވާތައް ސާބިތުވެ، 180 ގަޑިއިރުގެ ކޮމިއުނިޓީ ސާވިސް ފުރިހަމަކުރަން ކޯޓުން ހުކުމްކޮށްފި އެެވެ.

އެނިމަލް ވެލްފެއާ އެކްޓްގެ ދަށުން 27 އަހަރުގެ ކުޅުންތެރިޔާ އަށް ދެ ދައުވާއެއް އުފުލި އެވެ. އެއީ އޮޅުކޮށްގެން ގެންގުޅު ބުޅަލާ ދިމާއަށް ބޫޓް އެއްލައި ޖަހައި، މޫނު މަތީގައި ވެސް ޖަހައި އަނިޔާކުރުމުގެ ދައުވާ އެވެ.
އެ ދެ ދައުވާ ވެސް ޒޫމާގެ މައްޗަށް ސާބިތުވެ ކޮމިއުނިޓީ ސާވިސް ފުރިހަމަކުރަން ހުކުމް ކުރުމުގެ އިތުރަށް ފަސް އަހަރު ވަންދެން ބުޅާ ގެންގުޅުން ވެސް ޒޫމާ އަށް މަނާކޮށްފައިވެ އެވެ. އަދި 9،000 ޕައުންޑުން ޖޫރިމަނާ ވެސް ކުރި އެވެ.

ޒޫމާގެ މައްޗަށް އިއްވި ހުކުމުގެ އިތުރަށް ބުޅަލަށް އަނިޔާކުރުމުގައި އޭނާއާ ބައިވެރިވި މައްސަލާގައި އޭނަގެ ކޮއްކޮ ޔޮއާން 140 ގަޑިއިރުގެ ކޮމިއުނިޓީ ސާވިސް ފުރިހަމަކުރަން ހުކުމްކުރި އެވެ. މި މީހުންގެ މައްޗަށް ބުޅަލަށް އަނިޔާކުރި މައްސަލާގައި ދައުވާކުރީ ފެބްރުއަރީ މަހު ގޭ ތެރޭގައި ބުޅަލަށް އަނިޔާކުރާ މަންޒަރު ވީޑިއޯކޮށް އެ އާންމުކުރުމުން އިނގިރޭސިވިލާތުގެ ރޯޔަލް ސޮސަައިޓީ ފޯ ދަ ޕްރިވެންޝަން އޮފް ކްރުއެލްޓީ ޓު އެނިމަލްސް (އާރްއެސްޕީސީއޭ) އިން ހިންގި ތަހުގީގަކަށް ފަހު އެވެ.

މި މައްސަލަ ފެންމަތިވުމުން ވެސްޓް ހަމުން ޒޫމާ 250،000 ޕައުންޑުން ޖޫރިމަނާ ވެސް ކުރި އެވެ. އަދި ބުޅަލަށް އަނިޔާކުރި ހާދިސާއާ ގުޅިގެން އޭނާ އަށް އެޑިޑާސްގެ ސްޕޮންސަޝިޕް ވެސް ގެއްލުނެވެ.