Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

ޓިމް ބީއެމްއެލް ދޫކޮޮށްލަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޓޮމޮތީ ސޯޔާ (ޓިމް) މަގާމު ދޫކޮށްލައްވަން ނިންމައިފި އެވެ.

ބޭންކްގެ މުވައްޒަފުންނަށް އޭނާ މިއަދު ފޮނުއްވި މެމޯއެއްގައި ވިދާޅުވީ ގައުމީ ބޭންކްގައި ދެން ހިދުމަތްކުރައްވާނީ މަހެއްހާ ދުވަހު ކަމަށެވެ. ޓިމް ވިދާޅުވި ގޮތުގައި ފާއިތިވު ދެ އަހަރު ބީއެމްއެލްގައި ކުރެއްވުނު މަސައްކަތާއި އެތަނުގެ މުވައްޒަފުން ހޯދި ކާމިޔާބީއާ ދޭތެރޭ ފަހަރުވެވަޑައިގަންނަވަ އެވެ.

ޓިމް ވިދާޅުވީ ރާއްޖޭގެ ގައުމީ ބޭންކްގެ އިސްވެރިއެއްގެ ގޮތުގައި ހިދުމަތްކުރައްވަން ލިބުވަޑައިގަތުމަކީ ޝަރަފެއް ކަމަށާއި އެ ފުރުސަތަށްޓަކައި ޝުކުރު ވެސް އަދާކުރައްވާ ކަމަށެވެ. އޭނާ ބީއެމްއެލްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2019 ގެ ޖުލައި މަހުގެ މެދުތެރޭގަ އެވެ.

އިނގިރޭސީވިލާތަށް އުފަން ޓިމް އަކީ ބައިނަލްއަގްވާމީ މާލީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ބީއެމްއެލްއާ ގުޅިވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ހުންނެވީ އިނގިރޭސިވިލާތު އިންވެސްޓުމަންޓު ކުންފުނި، އިނޮވޭޓް ޔޫކޭގެ ސީއީއޯގެ މަގާމުގަ އެވެ.

ބީއެމްއެލްގެ ސީއީއޯއަކަށް ޓިމް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވީ އިނގިރޭސިވިލާތުގެ އެންޑްރޫ ހީލީ 2018 ގެ ފަހުކޮޅު މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. އޭނާ ބީއެމްއެލްގެ ސީއީއޯކަން ދޫކޮށްލެއްވީ އެ ގައުމުގެ ލީކް ޔުނައިޓެޑް ބިލްޑިން ސޮސައިޓީގެ ސީއީއޯގެ މަގާމު ލިބިވަޑައިގަތުމުންނެވެ