Last Updated: April 26, 11:19
Friday, April 26, 2024
ވިޔަފާރި

14 އަހަރު ފަހުން މެޓަގެ ސީއޯއޯ ވަކިވަނީ

މިދިޔަ އަހަރު މެޓަ އަށް ރިބްރޭންޑްކުރި ފޭސްބުކް ހިންގާ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ސީއޯއޯ) ޝެރީލް ސެންޑްބާގް 14 އަހަރު ފަހުން އެ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމަވައިފި އެވެ.

އޭނާ ވިދާޅުވީ މަގާމާ ހަވާލުވެވައިގެންނެވި އިރު އަމާޒަކީ ފަސް އަހަރު ހިދުމަތްކުރެއްވުން ކަމަށެވެ. އެކަމަކު މެޓަގައި މަސައްކަތްކުރައްވާތާ 14 އަހަރު ވެއްޖެ ކަމަށާއި މި ދިގު ދަތުރުގެ ތެރޭގައި ވަރަށް ގިނަ ތަޖުރިިބާތަކެއް ވެސް ކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.

"ސާދަ އަހަރު ފަހުން މެޓަގެ ސީއޯއޯގެ މަގާމުން ވަކިވެ ހަޔާތުގެ ދެން އާ ބާބެއް ފަށަން ބޭނުން ވަނީ،" ޝެރީލް ވިދާޅުވި އެވެ. "އެކަމަކު ކަނޑައެޅިގެން ސީދާ ބުނާކަށް ނޭނގޭ އަހަރެން ދެން ކުރާނީ ކީއް ކަމެއް."

އޭނާ ވިދާޅުވި މެޓަ ދޫކޮށްލައްވައި ދެން ކެރިއަރު ބިނާކުރައްވާނެ ގޮތެއް މި ވަގުތު މުޅިން ސާފު ނޫނަސް އަމިއްލަ ފައުންޑޭޝަނާއި ހައިރާތަށް ކުރައްވާ މަސައްކަތްތަކަށް ދެން ވަރަށް ބޮޑަށް ފޯކަސްކުރައްވާނެ ކަމަށެވެ. އަދި އަންހެނަކަށްވީތީ ވެސް މިފަދަ މަސައްކަތްތަކުގައި ހިއްސާވުން ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ޝެރީލް ސީއޯއޯގެ މަގާމު އަންނަ ސެޕްޓެމްބަރުގައި ދޫކޮށްލެއްވި ނަމަވެސް މެޓަގެ ބޯޑް މެމްބަރެއްގެ ގޮތުގައި ދެމިހުންނަވާނެ އެވެ. އަދި އޭނަގެ ބަދަލުގައި ދެން ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މެޓަ ޗީފް ގްރޯތު އޮފިސަރުގެ މަގާމުގައި ހުންނެވި ޒޭވިއާ އޮލިވަން އެވެ.

ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ވިދާޅުވީ އެ ކުންފުނި މިހާތަނަށް ހޯދި ކުރިއެރުންތަކާއި ކާމިޔާބީގައި ޝެރީލް އަކީ ވަރަށް މުހިއް،ި ބައިވެރިއެއް ކަމަށާއި އެއީ "ސުޕަސްޓާރެއް" ކަމަށެވެ.

އުމުރުން މިހާރު 52 އަހަރުގެ ޝެރީލްގެ މިލްކިއްޔާތު 1.6 ބިލިއަން ޑޮލަރަށް އަރަ އެވެ.