Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކުޑަކުދިންގެ ޑޮކްޓަރު ސައީދު ދެ އަހަރަށް ތައިލޭންޑަށް

ޑރ. ސައީދު ތައިލޭންޑަށް ފުރާވަޑައިގަތުމުގެ ކުރިން، އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް އަދި އެ ހޮސްޕިޓަލްގެ އެހެން ވެރިއަކާއެކު. ފޮޓޯ: އައިޖީއެމްއެޗް

އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ސައީދު ދެ އަހަރު ދުވަހުގެ ފެލޯޝިޕް ޕްރޮގްރާމަކަށް ތައިލޭންޑަށް އިއްޔެ ފުރާވަޑައިގެންފި އެވެ.

އައިޖީއެމްއެޗުން ބުނީ އެ ގައުމުގެ ބޭންކޮކްގެ ކްއީން ސިރިކިޓް ނެޝަނަލް އިންސްޓިޓުޓް އޮފް ޗައިލްޑް ހެލްތުގައި ޑރ. ސައީދު ޕީޑިއަޓްރިކް ޕަލްމޮނަލޮޖީ އެންޑް ކްރިޓިކަލް ކެއާ އިން ދެ އަހަރުގެ ދުވަހުގެ ފެލޯޝިޕް ޕްރޮގްރާމެއް ފުރިހަމަކުރައްވައި އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ޑރ. ސައިދަކީ މި ވަގުތު ރާއްޖޭގައި ތިބި ކުޑަކުދިންގެ ޑޮކްޓަރުންގެ ތެރެއިން އާންމުންގެ އިތުރުބާރު ވަރަށް ބޮޑަށް ހޯއްދަވާފައިވާ ޑޮކްޓަރަކެވެ. އައްޑޫ ފޭދު އަށް އުފަން ސައީދަކީ ދޭތެރެ ދޭތެރެ އިން އައްޑޫގެ އަމިއްލަ ކްލިނިކަލަށް ޒިޔާރަތްކުރައްވަމުން ގެންދެވި ވިިޒިޓިން ޑޮކްޓަރެއް ވެސް މެ އެވެ.

އޭނަ އަކީ އައްޑޫގެ ތައުލީމީ އެންމެ ފަހުރުވެރި އެއް މުއައްސަސާ ކަމަށްވާ ކުރީގެ ސަދަން ސެކަންޑަރީ ސްކޫލް މިހާރުގެ ޝަރަފުއްދީން ސްކޫލުން ސާނަވީ ތައުލީމު ހާސިލުކުރެއްވި އެ ސްކޫލްގެ ފަހުރުވެރި ދަރިވަރެއް ވެސް މެ އެވެ. ޑރ. ސައީދު ޑޮކްޓަރުކަން ކިޔަވާ ވިދާޅުވީ ނޭޕާލުންނެވެ.