Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ރަނގަޅީ ތިލަމާލެ ބްރިޖް އަޅައި ނުނިމުން: ޔާމީން

ރަނގަޅީ މާލެ އާއި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖުގެ މަސައްކަތް ނުނިމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބްރިޖް އެޅުމުގެ މަސައްކަތް އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗަރއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު 2024 ގެ ނިޔަލަށް ބްރިޖް އެއްކޮށް ނިންމާލުމަށް ވަނީ އަމާޒު ހިފާފަ އެވެ.

ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ދައުލަތުގައި ފައިސާ ނެތިގެން އުޅޭއިރު ބްރިޖެއް އަޅަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ބަޔަކު އަދި ބްރިޖެއް އެޅިޔަސް ދެން ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ބްރިޖް އަޅަން ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން [ބްރިޖުން ސިނަމާލެ ބްރިޖް] ހައްލުކުރަން އުޅުނީ ގާތްގަނޑަކަށް ލައްކައެއްހާ މީހުންގެ އާބާދީ ގުޅުވާލަދޭން އުޅުނީ. އެކަމަކު މިހާރު މި އަޅާ ބުރިޖުން ކިތައް ލައްކަތޯ ގުޅުވައިދެނީ؟ ޖަސްޓިފައިއެއް ނުވޭ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މިހާރު ބްރިޖް އަޅަނީ އިންސާނުންގެ ބޭނުންތަކަށް އަދި ދަތުރުފަތުރުގެ ބޭނުން ފުއްދަން ކަމަށްވާނަމަ އެކަން "ޖަސްޓިފައި" ނުވާ ކަމަށާއި ނަމަވެސް މިއީ ކުރީ ސަރުކާރުގައި ބްރިޖެއް އެޅީތީ އަޅާ ބްރިޖެއް ނަމަ އެކަން "ޖަސްޓިފައި" ކުރެވޭ ކަމަށެވެ. ނަމަވެސް މިއީ ހަރަދު ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށާއި ބްރިޖެއް އަޅަން މިއީ މުނާސަބު ވަގުތެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ތިލަމާލެ ބްރިޖަށް 600 މިލިއަން ޑޮލަރު އަރާއިރު އޭގެތެރެއިން 400 މިލިއަން ޑޮލަރަކީ ސީދާ ލޯނުގެ ގޮތުގައި ނަގާ އަދަދެއްކަން ފާހަގަކުރައްވަމުން ޔާމީން ވަނީ މި ބްރިޖުގެ ދަރަނި އަދާކުރަން ޖެހޭއިރު އެމްޑީޕީ ވެރިކަމުގައި ވެސް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީ އަކީ ތަންތަން ނުތާހިރު ކުރާ ބައެއް ކަމަށާއި ތާހިރު ކުރަން ޖެހޭނީ އަބަދުވެސް އެހެން ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ބްރިޖެއް އަޅާ ނިންމަން މަސައްކަތް އެ ކުރަނީ. ދެން އަޅުގަނޑެއް ގަބޫލެއް ނުކުރަން ތި ބްރިޖް އަޅާ ނިމޭނެ ކަމަށް، ދެން ހަމަ ނުނިމުން މީގަ ރަނގަޅީ ވެސް. އެހާ ބޮޑު ތަކުލީފަކަށް ވެގެންދާ ކަމެއް އެއީ" ޔާމީން ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެފްކޮންސްއާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. މިއީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެންމެ ބިޔަ މަޝްރޫއެވެ.