Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ގޭގެ ނަންބޯޑު އެބައިންތަ؟

ހިތަދޫ ގެއެއްގެ ނަންބޯޑު، ފޮޓޯ؛ އެލްކާވް

ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތް ނަމަ އަވަހަށް އެކަމަށް އުޅޭށެވެ. މި އަހަރަކީ ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންދަން ނިންމާފައިވާ އަހަރަކަށްވާތީ މި މަސައްކަތަށް ފަސޭހަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ގޭބިސީތަކުގައި ވެސް ނަންބޯޑު އިނުން ވަރަށް މުހިއްމެވެ.

އެހެންވެ ގާތްގަނޑަކަށް ހުރިހާ ކައުންސިލަކުހެން ވަނީ މިކަން އާންމުންގެ ސަމާލު ކަމަށް ވެސް މިކަން ގެނެސްފަ އެވެ. މާލެ ފިޔަވައި ދެން އެންމެ ގިނަ ބަޔަކު އުޅޭ އައްޑޫގައި ވެސް ގެތަކުގެ ނަންބޯޑު ހަރުކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ. ވަކިވަކި އަވަށްތަކުން މިކަން އާންމުންގެ ސަމާލުކަމަށް ގެންނަން އަވަށްތަކުގެ އާންމު އެކި ތަންތަނުގައި ނޯޓިސް ހަރުކޮށްފައިވެ އެވެ.

އޭގައިވާ ގޮތުން ނަންބޯޑު ހަރުކޮށްފައި ނެތް ނަމަ ނަމަ އެކަން އަންނަ މަހުގެ 30 ގެ ނިޔަލަށް ފުރިހަމަކުރަން އެދިފައިވެ އެވެ. އެހެންވެ މިއޮތް މުއްދަތުގެ ތެރޭގައި އެކަންކޮށްލުމުން ފުދުނީ އެވެ. ނަންބޯޑު ހަދައިދޭ ތަންތަނާއި އެކަން ކުރާ މީހުން ވެސް ރަށްރަށުގައި އުޅެ އެވެ. ނޫނީ މިއީ އަމިއްލަ އަށް ވެސް ކޮށްލެވިދާނެ ކަމެކެވެ.

ފަހަކަށް އައިސް ރީތި ގޮތްގޮތަށް ނަންބޯޑު ހަރުކުރަން ގިނަ ބަޔަކު ވަރަށް އިސްކަންދޭކަން ވެސް ފާހަގަކުރެވެ އެވެ. ހާއްސަކޮށް ފަހުން ހަދާ ގެތަކުގަ އެވެ. އެކަމަކު ބައެއް އަވަށްތަކުގެ ނަންބޯޑްު ހަރުކޮށްފައި ނުހުންނަ ގެތައް ވެސް މަދެއް ނޫނެވެ. ނޫނީ ބޯޑް ހުއްޓަސް އެ ބާވަގެން، ކިޔަން ނޭނގޭ ހާލަތުގައި ހުންނަ ބޯޑްތައް ވެސް ފެނެ އެވެ.

އެހެންވެ މިހާރު ކަނޑައަޅާފައި މިއޮތް މުއްދަތުގެ ތެރޭގައި އެކަން ރަނގަޅުކޮށްލަން ޖެހެ އެވެ. މީގެ ސަބަބުން ބޯހިމެނުގެ މަސައްކަތަށް ނުކުންނަ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށްވާނެ އެވެ.

މުޅި ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންދަން ނިންމާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. މިކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ބޯހިމެނުން ކުރިއަށް ގެންދާނީ ސެޕްޓެމްބަރު 13 އާއި 14 އަދި އެ މަހުގެ 17-25 އަށެވެ.