Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ސޯލާ ފެރީއެއް ބަންނަން ބީލަމަށް ހުޅުވާލައިފި

ސޯލާ ނު ވަތަ ބެޓެރީގެ ހަކަތައިން ދުވާ ކަޓަމަރާން ފެރީއެއް ބަންނާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ ޑިޒައިނާއި ބިލްޑިން އާއި ސަޕްލައި ވެސް ހިމެނޭ ގޮތަށް މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 20 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 100 ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި 75،000 ޑޮލަރު ހުށަހަޅަން ޖެހޭ އިރު، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 208 ދުވަހެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އިން ދުވާ ގޮތަށް ބަންނަން ނިންމާފައިވާ ފެރީ އަކީ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގަމުންދާ ޕްރިޕެއަރިން އައުޓަ އައިލެންޑްސް ފޯ ސަސްޓެއިނަބްލް އެނަޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެޑިޝަނަލް ފައިނޭންސިންގެ ދަށުން ހިންގާ މަޝްރޫއެކެވެ.