Last Updated: May 11, 06:48
Saturday, May 11, 2024
ކުޅިވަރު

ލެބްރޯން ޖޭމްސް އަކީ މިހާރު ބިލިއަނަރެއް

ބާސްކެޓް ކުޅުންތެރިއެއްގެ ޕްރޮފެޝަނަލް ކެރިއަރުގައި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ލިބިފައި ނެތް ޝަރަފެއް އެމެރިކާގެ މަޝްހޫރު ބާސްކެޓް ތަރި ލެބްރޯން ޖޭމްސް އަށް ލިބިއްޖެ އެވެ.

ހަތަރު ފަހަރަށް އެމްބީއޭ ޗެމްޕިއަންކަމާއި އޮލިމްޕިކް ދެ ރަން މެޑެލް ވެސް ހޯދާފައިވާ ވަނަމަކަށް "ކިންގް ޖޭމްސް" ކިޔާ ޖޭމްސް އަކީ މިހާރު ރަސްމީކޮށް ބިލިއަނަރެކެވެ. ފޯބްސް އިން ބުނި ގޮތުގައި 37 އަހަރުގެ ބާސްކެޓް ލެޖެންޑްގެ މިލްކިއްޔާތު މިހާރު ބިލިއަން ޑޮލަރަށް އަރާ އިރު، މިދިޔަ އަހަރު ވެސް އޭނަ އަށް އާމްދަނީގެ ގޮތުގައި 121.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ބާސްކެޓް ދުނިޔޭގައި ވަރަށް ނުފޫޒު ފަދަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަދި ތިން ކުދިންގެ ބައްޕަ ޖޭމްސް އަށް ބިލިއަނަރެއްގެ ދަރަޖަ ލިބުނީ ކުޅެގެން ލިބުނު އާމްދަނީ އާއި އެންޑޯޒްކޮށްދޭ ބްރޭންޑްތަކާއި އަދި ވިޔަފާރީގެ އެހެން މުއާމަލާތްތަކުން ލިބުނު ކުރިއެރުންތަކާ އެކީގަ އެވެ.

ކެރިއަރުގެ ތެރޭގައި ބާސްކެޓް ކުޅުންތެރިއަކަށް ފުރަތަމަ ފަހަރަކަށް ބިލިއަނެއްގެ ދަރަޖަ، ޖޭމްސް އަށް ލިބުނު އިރު، މި ރޮނގުން ކުރިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ކުރީގެ ބާސްކެޓް ތަރި މައިކަލް ޖޯޑަން، 59، އެވެ. އެކަމަކު އޭނަ ބިލިއަނަރަކަށްވީ ބާސްކެޓުން ރިޓަޔާކުރިތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން 2014 ގަ އެވެ. ޖޯޑަންގެ މިލްކިއްޔާތަކީ މިހާރު 1.7 ބިލިއަން ޑޮލަރެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި ޖޭމްސް އަކީ އޭނަގެ ތަނަވަސްކަމުން ހިލޭ ސާބަހަށް ވެސް ގިނަ ހިދުމަތްތަކެއްކުރަމުން އަންނަ މީހެކެވެ.