Last Updated: March 29, 10:59
Friday, March 29, 2024
ކުޅިވަރު

ޕީކޭ އާއި ޝަކީރާގެ ގުޅުމުގައި ރަސްމީކޮށް ސިއްކަ

ބާރަ އަހަރަށް ފަހު ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ސްޕެއިންގެ ފުޓްބޯޅަ ތަރި ޖެރާޑް ޕީކޭގެ ލޯބީގެ ގުޅުން ނިމުމަަކަށް ގެނެސްފި އެވެ.

ޕީކޭ އާއި ޝަކީރާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގުޅުން ނިމުމަކަށް ގެނެސް ވަކިވާން ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ދަރިންނަށްޓަކާ އެމީހުންގެ ޕްރައިވެސީ އަށް އިހުތިރާމް ކުރުމަށް ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ދެ މީހުންގެ ގުޅުން ނިމުމަކަށް ގެނެސް ވަކިވާން ނިންމި ސަބަބެއް ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.

ޝަކީރާ، 45، އާއި ޕީކޭ، 35، ރައްޓެހިވީ 2010 ގަ އެވެ. އެ ދެ މީހުންނަށް ލިބިފައިވާ ދަރިންނަކީ މިލާން ޕީކޭ މެބާރަކް، 9، އާއި ސާޝާ ޕީކޭ މެބާރަކް، 7، އެވެ.

ޝަކީރާ އާއި ޕީކޭ ވަކިވިކަން ރަސްމީކޮށް މިއަދު އިއުލާންކުރި ނަމަވެސް ރިޕޯޓުތައް ބުނާގޮތުން އެ ދެ މީހުން ވަކިން އުޅޭތާ މިހާރު ވަނީ ދުވަސްތަކެއް ވެފަ އެވެ. އެގޮތުން ޝަކީރާއާ ވަކިވުމަށްފަހު ޕީކޭ މިހާރު އުޅެމުން އަންނަނީ "ޕާޓީ ލައިފްސްޓައިލެއް"ގައި ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.