Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ދަރިންދެކެ ލޯބިވާހެން ތިމާވެށި ދެކެވެސް ލޯބިވާން ޖެހޭ

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ދަރިން ދެކެ ލޯބިވާ ގޮތަށް ތިމާވެށި ދެކެވެސް ލޯބިވާންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ތިމާވެށި ދުވަސް ފާހަގަކުރަން ރޭ ފުވައްމުލަކު ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވި ކޮވިޑް-19 ޕެންޑަމިކާއެކު ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދައިގެން އެ ގޮތްތަކަށް ދިރިއުޅެންޖެހޭ ކަމަށެވެ.

އެގޮތުން އެއްވެސް އެއްޗެއް މަގުމައްޗަށާއި ގޮނޑުދޮށަށް އުކާލުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށާއި ރާއްޖެއަށް ފަތުރުވެރިންގެ އެހާބޮޑު ސަމާލުކަމެއް ލިބެނީ ރާއްޖޭގެ ޤުދުރަތީ ނިޢުމަތުގެ ސަބަބުން ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި ދޮންވެލި ތުނޑިތައް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިކޮށްދިނުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ގެދޮރާއި، ދަރިންދެކެ ލޯބިވާ ފަދައިން ތިމާވެށި ދެކެ ލޯބިވެ، ތިމާވެއްޓައް ގެއްލުން ލިބޭނެ ކުޑަ ނަމަވެސް ކަމަކުން ނުކޮށް އެކަމުން ދުރުހެލިވާންޖެހޭ." ފައިސަލް ވިދާޅުވި އެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދައި އެ ގޮތްތަކަށް ދިރިއުޅެން ޖެހޭ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ފުވައްމުލަކުގެ ބަފިޔަރ ރިޒަރވް ލޯގޯ އިފްތިތާ ޙުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް" ގެ ޕްރޮޖެކްޓް ޑޮކިއުމަންޓްގައި ސޮއިކޮށްފަ އެވެ.