Last Updated: April 20, 09:35
Saturday, April 20, 2024
ރިޕޯޓް

"ޒުވާން ދަނޑުވެރިޔާ" އަށް އޮތީ ކުރިއެރުން

އައްޑޫގައި ދަނޑުވެރިކަން ފުޅާކޮށް، މި މަސައްކަތް ޒަމާނީ ގޮތަށް މިހާރު ކުރުމަށް ވަރަށް ބޮޑު ރޯލެއް އަދާކުރަމުން އަންނަ މީދޫ "ޒުވާން ދަނޑުވެރިޔާ" އަށް އަނެއްކާ ވެސް ރާއްޖޭން ބޭރުގައި ތަމްރީނުވާން ފުރުސަތު ލިބިއްޖެ އެވެ.

މީދު އަށް އުފަން ރަމްޒީ ހުސައިނަށް މި ފަހަރު ފުރުސަތު ލިބުނީ އިންޑިއާގެ ޓަމިލް ނާޑޫ އެގްރިކަލްޗަ ޔުނިވަސިޓީގެ ޓްރޭނިން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތެވެ. މިކަމާ ގުޅިގެން އޭނާ ވަނީ އެ ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި އެގްރިކަލް މިނިސްޓްރީއަށާއި މިނިސްޓަރު ޑރ. ހުސައިން ރަޝީދު އަހުމަދު ރަޝީދުގެ އިތުރުން މީދޫ އަވަށު އޮފީހުގެ އިސްވެރިންނަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ރަމްޒީ އަށް މި ލިބުނު ފުރުސަތަކީ ދިވެހި ދަނޑުވެރިންތަކެއް އިންޑިއާގައި ތަމްރީނުވާން ލިބުނު ފުރުސަތުގެ ތެރެއިން އޭނަ އަށް ފަހިވި ކަމެވެ. އޭނަ އަކީ ކުރިން ވެސް ރާއްޖޭން ބޭރުގައި ދަނޑުވެރިކަމުގެ ދާއިރާ އިން ތަމްރީނު ހޯދާފައިވާ މީހެކެވެ.

ކުރިން ފުޓްބޯޅައިގެ ތެރޭގައި އުޅުނު "ޒުވާން ދަނޑުވެރިޔާ" ގެ މިހާރުގެ ހުރިހާ ވެސް ފޯކަސް އަކީ ދަނޑުވެރިކަމެވެ. އެގޮތުން މީދޫގައި އޭނާ ފުޅާކޮށް ދަނޑުވެރިކަން ކުރަމުން އަންނަ އިރު، އާންމުކޮށް ރާއްޖޭގެ ދަނޑުވެރިން ނުހައްދާ ބައެއް ބާވަތްތައް ވެސް ރަމްޒީ އަންނަނީ ހައްދައި، މި ރޮނގުން ތަޖުރިބާތަކެއް ހޯދަމުންނެވެ. އޭނަގެ އެންމެ ހާއްސަ ކަމަކީ އޯގެނިކް ދަނޑުވެރިކަމަށް ދޭ އިސްކަމެވެ.

މި ޒުވާން ދަނޑުވެރިޔާ އާމްދަނީ ހޯދަން މި ކުރާ މަސައްކަތް ބަލައިލަން ބޭނުން ނަމަ "ޒުވާން ދަނޑުވެރިޔާ" ގެ ޓްވިޓާ އެކައުންޓަކީ ވަރަށް ޝައުގުވެރި އެއްޗަކަށް ވާނެ އެވެ.