Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ބައި ގަރުނުވީ ރުއްގަހުގެ ހިމާޔަތަށް ގަވާއިދެއް

ރާއްޖޭގައި މިހާރު ހުރި ރުއްގަހުގެ ތެރެއިން 50 އަހަރަށް ވުރެ ގިނަ ދުވަސްވީ ރުއްގަސް ހިމާޔަތްކުރަން އެކުލަވާލާފައިވާ ގަވާއިދަކަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ނިންމައިފި އެވެ.

އަންނަ މަހުގެ 4 އިން ފެށިގެން އަމަލުކުރަން ފަށާ "ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދު" އެންވަޔަރަމަންޓް މިނިސްޓްރީން ގެޒެޓްކުރީ އިއްޔެ އެވެ.

އޭގައިވާ ގޮތުން ރުއްގަސް ކެނޑޭނީ، އުފުރޭނީ ނުވަތަ ކޮނެގެން ނެގޭނީ އަދި އެ ތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދެވޭނީ ކޮންމެހެން އެކަން ކުރަން ޖެހިގެން ނުވަތަ އެ ނޫން ގޮތެއް ނެތިގެން ހަމައެކަނި މުޖުތަމައުގެ ޒަރޫރީ ބޭނުންތަކަށްކަން ކަށަވަރުކޮށް، އެ ކަންކަން ބަލަހައްޓައި ރިޕޯޓު ކުރެވޭނެ ގޮތްތައް ކަނޑައެޅުންނެނެވެ.

ގަވައިދުގައިވާ ގޮތުން މީގެ މައިގަނޑު މަގުސަދުގެ ތެރޭގައި ރަށްރަށުން ރުއްގަސް ކެނޑުމާ ގުޅިގެން ނުވަތަ އުފުރުމާ ގުޅިގެން ރަށްރަށުގެ ފެހިކަމަށާއި ގަސްކަރައަށް ކުރާ ނޭދެވޭ އަސަރުތަކާއި އެކަމުގެ ސަބަބުން ރަށްރަށުގެ ގުދުރަތީ ރީތިކަމަށާއި ތިމާވެއްޓަށާއި ދިރޭތަކެއްޗަށް ކުރާ ނޭދެވޭ އަސަރުތައް ވީހާ ވެސް ކުޑަކުރުމަށް ހާއްސަ އިޖުރާއަތްތަކެއް ކަނޑައެޅުމާއި ފެހިކަން އިތުރުކޮށް ދެމެހެއްޓުމަށް ރުއްގަސް އިންދުން އިތުރުކޮށް، އެ ކަމަށް ހިތްވަރުދިނުމާއި ދުވަސްވީ ގަސްގަހާގެހި ހިމާޔަތްކޮށް ދެމެހެއްޓުމާއި އެ ތަކެތި ބެލެހެއްޓުން ހިމެނެ އެވެ.

އަދި ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއް ތަނުން އަނެއް ތަނަށް ގެންދިއުން، ލާމަރުކަޒީ އުސޫލުން ބެލެހެއްޓުމަކީ ވެސް ގަވައިދުގެ މުހިއްމު މަގުސަދެކެވެ.

އާ ގަވައިދުގައި ރާއްޖޭގައި ހުރި ބައިގަރުނަށް ވުރެ ގިނަ ދުވަސްވީ ކޮންމެ ގަހަކީ ހިމާޔަތްކޮށްފައިވާ ގަހެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ކޮންމެ ރަށެއްގެ ކައުންސިލަކުން އެ ރަށެއްގައި ހުންނަ ދުވަސްވީ ގަސްތަކުގެ ދަފުތަރެއް ބަލަހައްޓަން ޖެހެ އެވެ.

ގަވާއިދުގައި ގަސްތައް ނެގުން ހުއްދަ ހާލަތްތަކާއި މަނާ ހަތަރު ހާލަތެއް ވެސް ބަޔާންކޮށްފައިވެ އެވެ.

"ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދު" އަށް އަމަލުކުރަން ފަށަން ތައްޔާރުވާ އިރު، ރާއްޖޭގައި ރުއްގަސް ކަނޑާ މައްސަލަ އާއި އެއް ތަނުން އަނެއް ތަނަށް ގެންދާ މައްސަލަ އަކީ ފަހަކަށް އައިސް ވަރަށް ގިނަ ރަށްރަށުން ފެންމަތިވާ މައްސަލައެކެވެ.