Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅެން ޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ތިމާވެށި ރައްކާކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން، ދުނިޔެ ހޫނުވަމުންދާ މިންވަރަށާއި، އެކަމުގެ ސަބަބުން މިބިމުގެ މާޙައުލީ ނިޒާމަށް ލިބޭ ގެއްލުންތަކަށް ބަލާއިރު، މިކަން ޙައްލުކުރުމަށް މަސައްކަތް ކުރުމުގައި، ކުޑަ ޤައުމެއް ނުވަތަ ބޮޑު ޤައުމެއް ތަފާތުކުރެވެން ނެތް ކަމަށެވެ. އެގޮތުން މިބިންމަތީގައި ދިރިއުޅޭ އެންމެން އެކުގައި މިކަމަށް މަސައްކަތްކޮށްގެން ނޫނީ، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރެވެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިކަމުގައި މުޅި މުޖްތަމަޢުގެ ބައިވެރިވުން މުހިންމު. ވަކިން ޚާއްޞަކޮށް، ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް، ޢާންމުން ހޭލުންތެރިކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ އެކި ޤައުމުތަކުން ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ދޫކުރާ ނިސްބަތަށް ބަލާއިރު، ރާއްޖޭގެ ޙިއްޞާ އެކަމުގައި ވަރަށް ކުޑަ އެވެ. ނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް، އެހެން ހުރިހާ ޤައުމަކަށްވުރެ ބޮޑުކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ފެންވަރުގައި، ކުރެވެން ހުރި ކަންކަން ކުރުމަށް، އެންމެހައި ދިވެހިންގެ ބައިވެރިވުމަށް މި ގޮވައިލަނީ އެސަބަބަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ޢަމަލުތަކުން އަޅުގަނޑުމެންގެ ކަނޑުތައް ތަޣައްޔަރު ނުކުރުމެވެ. އަޅުގަނޑުމެންގެ އަތްތަކުން، އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުމެވެ. އަޅުގަނޑުމެން އިސްކަން ދޭންވީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގެ ދޮންވެލި ތުނޑިތަކާއި ފިނޮޅުތަކާއި، ހިތްގައިމު ކަނޑުފަޅުތަކާއި ކަނޑޫފާތަކާއި ޗަސްބިންތަކާއި، އެތަންތަނުގައިވާ ދިރުންތައް، ކުރިމަގުގެ ޖީލުތަކަށް ރައްކާތެރި ގޮތުގައި ފޯރުކޮށްދެވޭނީ، ދިރިއުޅުމާ ލާމެހިފައިވާ އާދަތަކެއް ކަމުގައި ހަދައިގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.