Last Updated: April 19, 21:20
Friday, April 19, 2024
ޚަބަރު

ދިވެހިން ހާސް ނުވޭ، މަސައްކަތްތައް މުއްދަތަށް ނިންމާނަން: އެފްކޯންސް

އައްޑޫގެ މަގުތަކާއި މާލެ، ވިލިމާލެ އަދި ގުޅީފަޅު ގުޅާލާ ބްރިޖު އެއްބަސްވެފައިވާ މުއްދަތަށް ދިވެހިން އުއްމީދު ކުރާ ފެންވަރުގައި ނިންމާނެކަމުގެ ޔަގީންކަން މަސައްކަތް ކުރާ އިންޑޮޔާގެ އެފްކޯންސް ކުންފުނިން ދީފިއެވެ.

އިންޑިއާގެ މުމްބާއީގައި ހުންނަ އެފްކޯންސްގެ މައި އޮފީހުގައި ދިވެހި ނޫސްވެރިންނާއި އެކު އޮތް ބައްދަލުވުމެއްގައި އެފްކޯންސްގެ ޑިރެކްޓަރު އޮފް އޮޕަރޭޝަން އާރްވީއާރް ކިޝޯރު ވިދާޅުވީ އެފްކޯންސް އަކީ މިހާތަނަށް އެކުންފުނިން މަސައްކަތް ކުރަން ފެށި ހުރިހާ މަސައްކަތެއް މުއްދަތަށް ނިންމާފައިވާ އިތުބާރު ކުރެވޭ ކުންފުންޏެއް ކަމަށެވެ. އެގޮތުން ހާއްސަކޮށް ބޭރު ގައުމުތަކުގައި އެކުންފުނީގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް 100 ޕަސެންޓު ޔަގީންކަމާއި އިތުބާރާއި އެކު ނިންމާފައިވާ ކަމަށެވެ.

އެފްކޮންސްއިން ބުނީ މާލެ/ ވިލިގިލީ ބްރިޖްގެ މަސައްކަތް އަންނަ 2023 ވަނަ އަހަރު ޖުލައި މަހު ނިންމާނެކަމަށެވެ. އަދި އައްޑޫގެ މަގުތައް ވެސް އެ މުއްދަތަށް ނިމޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެފްކޮންސްއިން ބުނީ ބްރިޖް މަޝްރޫއުގެ ޖިއޯޓެކްނިކަލް ސާވޭތަކުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ބްރިޖާއި ގުޅޭ މަގުތަކާއި އެހެނިހެން މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށް އެފްކޯންސް އިން ބުނެ އެވެ. މި މަސައްކަތްތައް ކުރުމަށް މިވަގުތު 585 މީހުންގެ ޓީމެއް ހަރަކާތްތެރިވާއިރު ކުރިއަށް އޮތް ހަތަރު މަސްތެރޭގައި އެ އަދަދު 900 އަށް އިތުރުކުރާނެ ކަމަށް އެފްކޯންސް އިން ހާމަކުރެ އެވެ.

ބްރިޖް މަޝްރޫއު އަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ސައިޓަށް ގެންގޮސްފައިވާއިރު، ތާވަލަށް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެފްކޯންސް އިން ބުނެ އެވެ.

އެފްކޯންސް އިން ބުނިގޮތުގައި އަންނަ އަހަރުގެ ޖުލައިގައި މާލެއާ ވިލިނގިލިއާ ދެމެދު ދަތުރުކުރަން ފެށޭނެ އެވެ. އަދި 2024 ގެ ނިޔަލަށް ބްރިޖް މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް އެފްކޮންސްއާއެކު ސަރުކާރުން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު އެވެ. މިއީ މި ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ އެންމެ ބިޔަ މަޝްރޫއެވެ.