Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

އައްޑޫ މާރާމާރީ: 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

ސ. ފޭދޫ، ސޮލިޑް، މުޙައްމަދު ޒަޔާން މޫސާ

އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދެ ގްރޫޕް ދެ މެދުގައި ހިނގި މަރާމާރީއެއްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21، އެވެ. މާރާމާރީގައި ޒަޔާންގެ ހަށިގަނޑު އެތައް ތަނަކަށް ވަނީ ތޫނު އެއްޗެހި ހަރައި ޒަހަމްކޮށްލާފައެވެ.

ފުލުހުން ބުނީ މި ހާދިސާގެ ތުހުމަތުގައި ރޭ ކޯޓު އަމުރެއްގެ ދަށުން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރޭ ވަނީ ރަށުގެ ތެރޭގެ އަމާކަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހަކު ވެސް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޒަޔާން މަރާލީ މާރާމާރީ އަކީ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި މަސްތުވާތަކެއްޗާ ހެދި ޖެހުނު މައްސަލަތަކެއްގައި ހިންގާފައިވާ މާރާމާރީއެކެވެ. ޒަޔާނަށް ހަމަލާދިން މާރާމާރީގެ ކުރިން މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ދަގަނޑުބުރިއަކުން ޖަހައި ފޭދޫގެ 19 އަހަރުގެ ޒުވާނެއްގެ ބޯ ވެސް ފަޅާލާފައިވެ އެވެ.

އެ ހާދިސާގައި އޭނަގެ ސިކުނޑި އަށް ލޭ އެޅި މި ވަގުތު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

މި މާރާމާރީތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކޮށް، އަމާންކަން ގާއިމުކޮށްދޭން ކަމާބެހޭ ފަރާތްތަކަށް ގޮވާލައި މާރާރީ ހިންގި މީހުން ހޯދައި އެ މީހުންނަށް ހައްގު އަދަބު ދޭން ވެސް ގޮވާލާފައިވެ އެވެ.