Last Updated: October 4, 22:10
Wednesday, October 4, 2023
ޚަބަރު

އަތޮޅުތެރޭގެ ފުރަތަމަ ޓީޓީ ސެންޓަރު ފުވައްމުލަކަށް

ފުވައްމުލަކުގައި ހެދި ޓޭބަލް ޓެނިސް ސެންޓަރު ނައިބު ރައިސް ފައިސަލް ނަސީމް އިއްޔެ ހުޅުއްވައި ދެއްވައިފި އެވެ.

އެ ސެންޓަރަކީ އަތޮޅު ތެރޭގައި ހެދި ފުރަތަމަ ޓީޓީ ސެންޓަރެވެ.

ފައިސަލް ނަސީމް ވިދާޅުވީ ޓޭބަލް ޓެނިސްގެ ދާއިރާ އަކީ ރާއްޖެ އަށް އެ ދާއިރާއަކުން ރީތި ނަން ހޯދާދީފައިވާ ކުޅިވަރަކަށްވާތީ ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ފުޅާވަމުން އަންނައިރު ކުޅިވަރު ބިނާކުރުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. އަދި އެ ދާއިރާއިން ހުނަރުވެރި ދަރިންތަކެއް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ ފުވައްމުލަކުގައި ހުޅުވި ޓީޓީ ސެންޓަރުގެ ބޭނުން ހިފައި ބެލެނިވެރިންވެސް، ދަރިވަރުން މިފަދަ ކުޅިވަރުތަކުގައި ބައިވެރިކުރުވުމަށް ފައިސަލް އެދިވަޑައިގަތެވެ.

"ކުޅިވަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ކަމެއް. އަޅުގަނޑުމެންގެ އެކުވެރިކަމާއި އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެންގެ ހެލިފެލިވުމާއި އާންމު ސިއްހަތަށްވެސް ވަރަށް މުހިންމު ކަމެއް މި ކުޅިވަރުގަ މަސްއޫލުވެގެން އުޅުން،" ނައިބު ރައީސް ވިދާޅުވި އެވެ. "އަދި މިއީ ވަކި އުމުރަކަށް އޮތް ކަމެއްވެސް ނޫން. ކޮންމެ އުމުރެއްގެ މީހަކުވެސް އެމީހަކަށް ކުޅެވޭ ކުޅިވަރެއް ކުޅުމަކީ ވަރަށް މުހިންމު ކަމެއް."

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ ފުވައްމުލަކުގައި ހުޅުވި މި ޓީޓީ ސެންޓަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ހުޅުވާލި ތަނެއް ނޫން ކަމަށާއި އެއީ ޓީޓީ ކުޅުމުގެ ދާއިރާއިން ތަމްރީން ލިބިގެން ހުނަރުވެރި ކުޅުންތެރިންތަކެއް ބިނާކުރުމުގެ މަގުސަދުގައި ހެދި ތަނެއް ކަމަށެވެ.

މި ޓީޓީ ސެންޓަރުގައި ޓީޓީ ކޯޗެއް ހުންނާނެ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުންޏެވެ. އަދި އެތަނުގެ މަސައްކަތް ފުލްޓައިމްކޮށް ކުރިއަށް ދާނެ ކަމަށް ބުންޏެވެ.