Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ކުނި މަދުކުރަން ގައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

އުފެދޭ ކުނި މަދުކުރުމުގެ މަސައްކަތް ޤައުމީ ފެންވަރުގައި ކުރުމަށް ނައިބު ރައީސް ފައިޞަލް ނަސީމް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ފައިސަލް މިކަމަށް ގޮވާލައްވާފައި ވަނީ 'ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑް 2022' ގެ ނަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

'ޕްރޮމިސް' މަޝްރޫޢަކީ ލަކްޝަދީބު ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންގެ ސްވިޗް އޭޝިޔާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެއާއި، ސްރީލަންކާ އަދި އިންޑިއާގެ ގޮނޑުދޮށްތަކާއި ކަނޑުގެ އައްސޭރިފަށުން ކުނި މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން ފައިސަލް ވަނީ، ކަނޑުފަޅަކީ ރައްޖޭގެ އެންމެ ބޮޑު ޤުދުރަތީ ވަޞީލަތްކަން ފާހަގަކުރައްވައި، ކަނޑުފަޅުގެ ސަބަބުން ކާނާއާއި، ފެނާއި، ފަތުރުވެރިކަން މެދުވެރިކޮށް ދިވެހީންނަށް އާމްދަނީ ލިބޭކަމުގައި ވިދާޅުވެފަ އެވެ. އަދި، މޫސުމީ ބަދަލުތަކާއި، ދިރިއުޅުމަށްޓަކައި އަދި ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ކަނޑުފަޅުގެ ވަޞީލަތްތައް ރައްކާތެރިކޮށް ދިނުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

މި ސަރުކާރުން ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި، މާލޭ ސަރަޙައްދުގައި ކުނި ވަކިކުރުމަށް ފަށާފައިވާ މަސައްކަތުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ކުނި ވަކިކުރުމުގެ މަސައްކަތް ފެށުމަކީ ތިމާވެށީގެ މަގުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، އެކަމުގެ ސަބަބުން ތުއްތު ކުދިންގެ ހިތްތަކުގައި ކުނި އުފެއްދުމުގައި ވިސްނުންތެރި ވުމަށް ބާރުއެޅޭ ކަމަށާއި، ރަނގަޅު ގޮތުގައި ކުނި މެނޭޖްކޮށް، ކުނިން ޙަކަތަ ނުވަތަ ޢާމްދަނީ އުފެއްދުމުގެ ފުރުޞަތު ކުރިޔަށް އޮތްތާގައި ފަހިވެގެންދާނެ ކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން ޤައުމީ ފެންވަރެއްގައި ކުނި މަދުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ފައިސަލް ވަނީ 2023 ގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.