Last Updated: March 28, 13:49
Thursday, March 28, 2024
ރިޕޯޓް

އެމްޑީޕީ؛ ދެން އޮތީ ރިޔާސީ ޓިކެޓްގެ ތަޅާލުންގަނޑު!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ވާދަކޮށްފާނެތޯ ދެން ސުވާލު ކުރާކަށް ނުޖެހޭނެ އެވެ. އެ މަނިކުފާން އިއްޔެ ބޭއްވެވި ޕްރެސްގައި ވަަރަށް ސާފުކޮށް ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެ މަނިކުފާނު ނުކުމެވަޑައިގެންފި ނަމަ އިންތިހާބު ކާމިޔާބުކުރެއްވޭނެ އެވެ.

އިއްޔެގެ ޕްރެސްގައި ރައީސް މި ގޮތަށް ވިދާޅުވުމުގެ އިތުރަށް ވަނީ ވެރިކަމަށް އަލުން "ފައިވިއްދަވައިގެން ހުންނެވި" އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައި އޮތް ހުށަހެޅުމަކަށް ވެސް ގޮންޖައްސަވައިފަ އެވެ. އެއީ ނަޝީދު ނެރުއްވައިގެން އުޅޭ "30 ޕަސެންޓް ތާއީދު" ގެ ތިއަރީ ވެސް ކަމުނުދާ ކަމަށް ވިދާވަމުންނެވެ.

އެހެންވެ މިހާރު ޔަގީންވެ ކަށަވަރުކަމަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާ އިރު ޕާޓީގެ ތެރޭގައި ބޮޑެތި ހާޖާނުތަކެއް އުފެދޭނެކަމެވެ. ދާދި ފަހުން ނިންމައިލި ޗެއާޕާސަންގެ އިންތިހާބަކީ ވެސް މި ކޯޅުންގަނޑުގެ ވަރުގަދަކަމާއި ހަބައިބަތު ތަސައްވުރުކޮށްލަން އެމްޑީޕީގެ މެމްބަރުންނަނަށް ލިބުނު ފުރުސަތެކެވެ. ޗެއާޕާސަންގެ އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރެއްވި ރައީސް ސޯލިހުގެ ތާއިދު އޮތް، ސަރުކާރުގެ އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އޭނާއާ ވާދަކުރެއްވި އިމްތިޔާޒު ފަހުމީ (އިންތި) ބޮޑު ތަފާތަކުން ބަލިވެވަޑައިގަތް އިރު، ފަހަތްޕުޅުގައި ހުންނެވީ ނަޝީދެވެ.

އެކަމަކު ދެން އެ ވާހަކަ މާޒީ އަށް ދޫކޮށްލާފައި ދައްކަން އޮތީ އަންނަ އަހަރު ބާއްވާ އިންތިހާބުގެ ޓިކެޓް އެމްޑީޕީން ދޭނެ ބޭފުޅެއްގެ ވާހަކަ އެވެ. ސުވާލަކީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ދީފާނެތޯ އެވެ؟ ފެށުނީއްސުރެ އެމްޑީޕީ އަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަންކަންކުރާ ޕާޓީއެއްގެ ކާޑު ގެންގުޅޭ ކަމަށް ދައުވާކުރާ ޕާޓީއަކަށްވާތީ އެއްވެސް ބޭފުޅަކަށް "ތަބަކަށް ލާފައި" ރިޔާސީ ޓިކެޓް ދީފާނެ ކަމަކަށް ގަބޫލެއްނުކުރެވެ އެވެ.

އެހެންވެ ދެން ޝައުގުވެރި ސުވާލަކީ ރައީސް މިހާރު ރަސްމީކޮށް ދެވަނަ ދައުރަކަށް ވާދަކުރައްވާކަން އިއުލާންކުރުމާ އެކު އެމްޑީޕީގެ ތެރޭގައި ދެން ވާނީ ކިހިނެއް ހެއްޔޭ އެވެ؟ އޭގެ ކޮޅުމަތި އިއްޔެ ވެސް ވަނީ ދައްކާލައިފަ އެވެ. ރައީސް ނަޝީދު ވަނީ ޓްވީޓަކުން ރައީސަށް "ބަހުގެ ހަމަލާތަކެއް" ދެއްވައިފަ އެވެ. އެ ޓްވީޓްގައި ވިދާޅުވީ މިއީ ވެރިކަމަށް ފައިނަންގަވަންވީ ވަގުތު ނޫން ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ނަޝިދު އަލުން ވެރިކަމަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަން ހުންނެވިލެއް ބޮޑުކަމުން ރައީސް ސޯލިހް ދެވަނަ ދައުރަކަށް ނުކުންނަވަފާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އަމިއްލަފުޅަށް ކުރިން ނިންމަވައިގެން ހުންނެވި ކަމެވެ. އެހެންވެ ރައީސް އިއްޔެގެ ނިންމެވުމަކީ ނަަޝީދާއި އެ މަނިކުފާނުގެ ފަހަތްޕުޅުގައި ތިބި ސަޕޯޓަރުންގެ މޫނުމަތީގައި ޖެއްސެވި "ތަފާލަކަށް" ނުނީ ނުވާނެ އެވެ.

ޓްވިޓާގައި މި ހޫނުގަނޑުގެ ދިލަ މިހާރު ވެސް ވަނީ ބޮޑުވާން ފަށައިފަ އެވެ. ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނުގައި އިންތި، އަސާސެއް ނެތް އެތައް ވާހަކައެއް ފައްޔާޒާ ބެހޭ ގޮތުން ދެއްކެވި ގޮތަށް ދެން އޮތީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ސަޕޯޓަރުންގެ މެދުގައި ވެސް ސިޔާސީ "ޗަރުކޭސް" ކުޅުމުގެ ދުވަސްތަކެވެ. އެއް ބަޔަކު އަނެއް ބަޔަކަށް "ނޮޅާލުމު" ގެ ދުވަސްތަކަވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރިޔާސީ ޓިކެޓްގެ މައްސަލާގައި އެމްޑީޕީ މި ފަހަރު ވަރަށް ބޮޑަށް ގުޑައި، ބައިބައި ވެސް ވާނެކަމެވެ. އެހެންވެ ރިޔާސީ ޓިކެޓަކީ "ބޮޑު ތަޅާލުންގަނޑަކަށް" ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެކަމަކު މި ދަނޑިވަޅުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ ޕްރައިމަރީއަކުން ޓިކެޓް ދޭ ނަމަ، ޓިކެޓް ކާމިޔާބުކުރެއްވޭ ވަރުގެ ތާއީދެއް ރައީސް ސޯލިހަށް އެމްޑީޕީގެ ތެރެއިން އެބައޮތްތޯ އެވެ؟ މި ފަހަރަކީ އެކަން ޓެސްޓްކޮށްލައި ނަޝީދާއި ރައީސް ސޯލިހާ ދެމެދު ތާއީދުގެ ފަރަގު ވަޒަންކޮށްލަން ވެސް ލިބޭ ފުރުސަތަކަށް ވާނެ އެވެ.

ރައިސް ސޯލިހަކީ 2018 ގައި ވެސް އެމްޑީޕީގެ "ރަސްމީ ޗޮއިސްއެއް" ނޫނެވެ. އެ މަނިކުފާނަށް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވަން ފުރުސަތު ލިބިވަޑައިގައިތީ އޭރު ނަޝީދު ގައުމުން ބޭރުގައި ހުންނަވަން ޖެހުމާއި އެ މަނިކުފާނުގެ މައްޗަށް އޭރުގެ ސަރުކާރުން އުފުލާފައިވާ ދައުވާތަކާ ހެދި އިންތިހާބުގައި ވާދަކުރެއްވޭނެ ފުރުސަތު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ލިބިވަޑައިނުގަތުމުންނެވެ.

އެކަމަކު ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތް ފަހުން އެމްޑީޕީގެ ތެރެއިން އެ މަނިކުފާނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ނުރުހުން ބޮޑެވެ. ޕާޓީގެ ވަރަށް އިސް މެމްބަރުން ވަރަށް ފާޅުގައި ރައީސާއި ސަރުކާރަށް މިހާރު ވެސް ގެންދަވަނީ ހިތުހުރިހާ އެއްޗެއް ގޮވަމުންނެވެ. މީގެ ތެރޭގައި ނަޝީދުގެ ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުންގެ އަަޑު ވަކިން ގަދަ އެވެ.

ދެން އޮތް ސުވާލަކީ ރިޔާސީ ޓިކެޓްގެ މައްސަލާގައި ނަޝީދާއި ސޯލިހު ތަޅާފޮޅަން ޖެހިވަޑައިގެންފި ނަމަ މީގެ ފައިދާ އިދިކޮޅަށް ލިބިދާނެތޯ އެވެ؟ އަންނަ އަހަރުގެ އިންތިހާބަށް ނުކުންނަވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރެއިން އެންމެ ވަރުގަދަ އެކަކީ ރައީސް އަބްދުﷲ ޔާމީނެވެ.

އެ މަނިކުފާނުގެ ޕީޕީއެމާއި ކޯލިޝަން ބައިވެރިޔާ، ޕީއެންސީން ތަކުރާރުކޮށް ބުނަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީތަކުން ކާމިޔާބުކުރާނެ ކަމަށެވެ. ހަގީގަތުގައި އެމްޑީޕީން ވާދަކުރައްވާނެ ބޭފުޅެއްގެ މައްސަލާގައި އެ ޕާޓީގެ ތެރެއަށް އަންނަން އޮތް "ތޫފާން" ގެ ސަބަބުން އިދިކޮޅަށް އޭގެ ފައިދާ ބޮޑުވާނެ އެވެ. އެހެންވެ އިދިކޮޅުގެ އުންމީދަކަށް ވެސް ވާނީ އެމްޑީޕީ މި ފަހަރު ގަދައަށް ކޯޅޭށެވެ.

ނަޝީދަކީ ރައީސެއްގެ ގޮތުގައި ދިވެހިން އެއްފަހަރު ތަޖުރިބާކޮށްފައިވާ ބޭފުޅެކެވެ. ފެންނަން އޮތް ސާފު މަންޒަރަކީ ދައުރެއް ފުރިހަމަކުރެވެންދެން ވެސް "މަޑަކުން ނުހުންނެވުނު" ކަމެވެ. އެހެންވެ "ހިފަނުހެއްޓިގެން އުޅުއްވާ" ބޭފުޅަކަށް އަލުން ވެރިކަންދޭ ދިވެހިން ބޭނުންތޯ އެއީ ވެސް އުފެއްދުން ރަނގަޅު ސުވާލަށް ވެދާނެ ދޯ އެވެ؟