Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ދޮންދީނި ރައްކާތެރިކޮށް ދޭން ގޮވާލައިފި

އައްޑޫގެ ފަހުރެއް ކަމަށްވާ އަދި ހިމާޔަތްކޮށްފައިވާ ދޮންދީނީގެ އާބާދީ އަށް ނުރައްކާ ބޮޑުވެފައިވާތީ އެކަމަށް ފިޔަވަޅު އަޅައިދޭން މީދޫގެ ނަލަފެހި ޖަމިއްޔާ އިން ގޮވާލައިފި އެވެ.

އެ ޖަމިއްޔާ އޮން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ އާބާދީ ބޮޑުވެ، ގޯތީގެދޮރު ބިނާކުރުމަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑުމުގެ ސަބަބުން އެދޫނީގެ އެންމެ މުހިންމު "ވަޒަން" ކަމަށްވާ ކަނދުވައު އައްޑޫން މުޅިން ނެތިގެން ދިޔަ ކަމަށެވެ. އަދި އެ ދޮންދީނި ދިރިއުޅުމަށް އެކަށީގެންވާ ބަނބުކެޔޮ ގަހާއި ހިރުނދު ގަހާއި، ފުނަ ގަހާއި، ކާނި ގަހުގެ އިތުރުން ޅޮސް ފަދަ ބިޔަކޮށް ހެދޭ ބާވަތްތަކުގެ ގަސްތައް މަދުވެ ދޫނިތައް ދިރިއުޅޭނެ އެކަށީގެން ވާ މާހައުލު ނެތިފައިވާކަމަށް ނަލަފެހި ޖަމިއްޔާ އިން ބުންޏެވެ.

އެހެންވެ މީގެ ސަބަބުން ދޮންދީނިގެ އާބާދީ ކުޑަވެ، ބަލިކަށިވެ، ދިފާއީ ބާރެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން މުޅިން ނެތި ހިނގައްޖެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން މިފަހަކަށް އައިސް ބަޔަކު އައްޑު އަށް ކާޅުތަކެއް ގެނެސް ދޫކޮށްލުމުގެ ސަބަބުން އޭގެ ނަތީޖާއެއްގެ ގޮތުން ވެސް ދޮންދީނީގެ އާބާދީ އަށް ނުރައްކާވެފައިވާ ކަމަށް ނަލަފެހި ޖަމިއްޔާ އިން ބުންޏެވެ.

"ކާޅަކީ އައްޑޫ އާއި މުޅިން ބީރައްޓެހި ބޭރުގެ ސޫއްޕަކަށް ވެފައި އޭގެ ސަބަބުން އަތޮޅަށް މިހާ ބޭނުންތެރި މި އަތޮޅުގެ ފަހުރު ކަމަށް ވާ ދޮންދީނީގެ ނަސްލު ނެތިދިއުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ މަގްޞަދުގައި އުފެދި، އެރޮނގުން ހަރަކާތްތެރިވަމުން އަންނަ މި ޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް." ބަޔާނުގައި ބުންޏެވެ.

ކާޅު ގިނަވެ، ދޮންދީންޏަށް ނުރައްކާވާތީ އައްޑޫ ސިޓީ ކައުންސިލުން ވަނީ އެކަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. އެގޮތުން އައްޑޫގައި އުޅޭ ކާޅުތައް މަރައިދޭން އެދުނު ނަމަވެސް އެކަމަށް އަދި އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. މީގެ ކުރިން ސިފައިން ލައްވައި ބަޑި ޖަހައިގެން އައްޑޫގައި ކާޅު މަރާފައިވެ އެވެ.