Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

އެސްޓީއޯ އިން "ތުއްތު ދަރިފުޅު" ގެ ނަމުގައި ފޮތެއް

އެސްޓީއޯ އިން "ތުއްތު ދަރިފުޅު"ގެ ނަމުގައި ފޮތެއް ލޯންޗްކޮށްފި އެވެ.

އެސްޓީއޯއިން މިއަދު ލޯންޗްކޮށްފައިވާ "ތުއްތު ދަރިފުޅު" ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި، އަދި އެކަންތައްތަކާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ.

ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮއްލުމަށްފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން މި ފޮތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ.

ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މި ފޮތުގައި، ދަރިފުޅަށް ގާތުން ދިނުމާއި ބެހޭގޮތުން އެންގެންޖެހޭ މުހިއްމު މައުލޫމާތުތައް އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތޮބީއީ ބަދަލުތަކުގެ ތަފްސީލު ހިމެނިފައިވާނެ އެވެ.

މީގެ އިތުރުން، ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާ ކުރާނެ ކަންތައްތަކާއި އަދި މި ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތް ލިޔެވިފައިވެ އެވެ.

ޑރ. އަބްދުﷲ ނިޔާފް ގެ އެހީތެރިކަމާއެކު ތައްޔާރު ކުރެވިފައިވާ މި ފޮތުގައި، އަލައް އުފަންވާ ދަރިފުޅުގެ އާއިލާއިން އާންމުކޮށް ކުރާ ސުވާލު ތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެކަމަށް ލަފާ ކުރެވޭ ވަރަށް ގިނަ ސުވާލާއި މި ސުވާލުތަކުގެ ޖަވާބު ލިޔެވިފައިވެ އެވެ.

"ތުއްތު ދަރިފުޅު" ނަމުގައި އެސްޓީއޯއިން މިއަދު ލޯންޗްކުރެވިފައިވާ ފޮތުގެ އެހީގައި ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގައި ލިބެންޖެހޭ އެންމެ ފުރިހަމަ އަޅާލުން ދިނުމަށް އެކަށީގެންވާ މައުލޫމާތު އާއިލާތަކަށް ލިބޭނެ އެވެ.

އެސްޓީއޯ އިން ބުނީ ކުރިޔައްއޮތް ތަނުގައި، އެސްޓީއޯއިން އަލަށް އުފަންވާ ކުދިންނަށް ދެވޭ ހަދިޔާ ގެ ތެރޭގައި "ތުއްތު ދަރިފުޅު" މި ފޮތް ހިމެނޭނެ އެވެ.