Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު ރައީސް ސޯލިހު

ރައީސް މާމިނގިއްޔަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ޤާސިމް އިބްރާހިމް - ފޮޓޯ: ޖޭޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާމިނގިއްޔަށް ވަޑައިގަތުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ހޫނު މަރުހަމާއެއް ދަންނަވައިފިއެވެ.

ރައީސް ސޯލިހް މާމިނގިއްޔަށް ވަޑައިގެންފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައެވެ. ރައީސް ސޯލިހް މާމިނގިއްޔަށް މިއަދު ހެނދުނު ވަޑައިގަތުމުން ޤާސިމް ވަނީ ރަތް ދޫލައިގެން ރައީސް ސޯލިހަށް މަރުހަބާ ދަންނަވާފައެވެ.

ރައީސް ސޯލިހް މާމިނގިއްޔަށް ކުއްލިގޮތަކަށް ވަޑައިގެންފައިމިވަނީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން ޖޭޕީން އަދި ޤާސިމް ރާއްޖޭގެ ބައެއް މީޑިއާތަކާ ވާހަކަ ދައްކަވާފައިވަނިކޮށެވެ.

ރައީސް ސޯލިހް ބުދަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި، އަދި ކޯލިޝަނާއެކު ވެރިކަން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ރައީސްގެ މި ވާހަކައަށްފަހު އިއްޔަ މީޑިއާތަކަށް މައުލޫމާތު ދެމުން ޤާސިމްގެ ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރައްވާނެ ކަމަށެވެ. އަދި ކޯލިޝަނަކާ ހިސާބަށް ދާންޖެހިއްޖެނަމަ، ޖޭޕީން ގޮތެއް ނިންމާނީ ޕާޓީގެ އަސާސީގަވައިދުގައި ބުނާ ގޮތުގެ މަތިން ޕާޓީގެ ކައުންސިލްގެ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ޖޭޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް އޮންނާނެ ކަމަށާއި، އެއްބޭފުޅަކަށް ވުރެއް ގިނަ ބޭފުޅުން ކުރިމަތި ލައްވައިފިނަމަ އެކަމާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.