Last Updated: April 25, 22:42
Friday, April 26, 2024
ރިޕޯޓް

ރައީސާއި ގާސިމް: މިހާރު ކޮން ކަމެއް؟

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާ އިރު މިހާރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި މި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ. ރައީސް އިއްޔެ ގާސިމްގެ ވިލާ އެއާ ފްލައިޓެއްގައި ނުރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ މަޖިލީހުގައި ގާސިމް ތަމްސީލުކުރައްވާ އޭނަގެ އުފަން ރަށް، އދ. މާމިއްގިޔަށެވެ.

ރައީސްގެ މި ދަތުރާ އެކު ދެން ދެކެވުނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގާސިމާ މަޝްވަރާކުރައްވަން ކުރައްވާ ދަތުރެއްގެ ގޮތުގަ އެވެ. އެގޮތުން ރައީސްގެ ރަނިންމޭޓްކަން ގާސިމަށް ހުށަހެޅިކަމުގެ ވާހަތަކެއް އިއްޔެ މީޑިއާތަކުގައި ވެސް ވަރަށް ގަދަ އަށް ދެކެވުނެވެ. އެކަމަކު އެކަން ޖޭޕީން ދޮގުކޮށް ބުނެފައި ވަނީ އެއީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

އޭގެ ފަހުން އަނެއްކާ ރައީސް ވަނީ ރޭ ގާސިމާ އެކު އޭނަގެ ރިސޯޓް ސަން އައިލޭންޑްގައި ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގެ ފޮޓޯތަކެއް ވެސް އާންމުވެފައިވެ އެވެ. އެއިން ފެންނަ ގޮތުގައި ބައްދަލުވުމުގައި ސަރުކާރުގެ ދެ މިނިސްޓަރަކު ތިއްބެވި އެވެ. އެއީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި މިހާރު ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާލާއީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މީގެ އިތުރުން އެމްޑީޕީގެ މަޖިސް ދެ މެމްބަރަކު ވެސް ހިމެނެ އެވެ. އެއީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރުހުސަން ޝަހިމު އަނދުން ހުސައިން) އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ސަން އައިލޭންޑްގެ ރިސޯޓްގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސާއި ގާސިމްގެ ރޭގެ ބައްދަލުވުމާ ބެހޭ ގޮތުން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެފައި ވަނީ ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށެވެ. އެކަމަކު އެ ބައްދަލުވުން އޭނާ ސިފަކުރައްވާފައި ވަނީ ހީނަރުވެފައިވާ މިހާރުގެ ވެރިކަން ހިންގާ ކޯލިޝަންގެ ގުޅުމަށް ލިބުނު ކުރިއެރުމެއްގެ ގޮތުގަ އެވެ.

ގާސިމާއި ރައީސްގެ މި ބައްދަލުވުންތައް މި ފެށިފައި މި ވަނީ ރައީސް ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވިތާ ދެ ދުވަސް ފަހުންނެވެ. އަނެއްކޮޅުން ގާސިމަކީ ވެސް ވެރިކަމަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަމުގައި ހުންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީން އަހަރުގެ ކުރީކޮޅު ބުނެފައިވާ ގޮތުގައި އެ ޕާޓީން އަންނަ އަހަރު ރިޔާސީ އިންތިހާބަށް ނުކުންނާނެ އެވެ.

އެކަމަކު ގާސިމް އިއްޔެ ވިދާޅުވެފައި ވަނީ އެ ޕާޓީން އިންތިހާބަށް ނުކުތުމާއި ނުނިކުތުމާ ގުޅޭ ގޮތުން ވެސް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. ގާސިމަކީ 2008 ގެ އިންތިހާބަށް ވާދަކުރައްވައި ބަލިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ވެރިކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ހުންނެވިލެއް ބޮޑުކަމުން ފަހަރުގައި ހަމަ ރައިސް ސޯލިހު ދެއްވާ ރަނިންމޭޓްގެ ފުރުސަތަކީ ވެސް ގާސިމަށް ހަމަ މި ފަހަރު ހަމަ އެންމެ ރަނގަޅު ގޮތެއް ކަމަށް ވެސް ވެދާނެ އެވެ.

މިހާރު ވެސް ނައިބަކަށް ހުންނެވީ ޖޭޕީ އަށް ނިސްބަތްވާ ބޭފުޅެކެވެ. އެއީ ފައިސަލް ނަސީމެވެ.

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމެވި ވާހަކައާ އެކު، ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުރިއަށް އޮތް މިއޮތް ދުވަސްތަކުގައި އެކި ކަހަލަ ކުލަވަރުތައް ފެންނަން ފަށާނެކަން ޔަގީނެވެ. ހާއްސަކޮށް އެމްޑީޕީގެ ތެރެއިން ރައީސަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެކަން ކަންކަން ކުޑައެއް ނުވާނެ އެވެ. ސަބަބަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް އަންނަ އަހަރު ވާދަކުރައްވަން "ފޫގަޅުއްވައިގެން" ހުންނެވުމެވެ. އެހެންވެ އެމްޑީޕީގެ ރީޔާސީ ޓިކެޓްގެ މައްސަލަ މި ފަހަރު ވަރަށް ހޫނު މައްސަަގަނޑަކަށް ވާނެ އެވެ.

މީގެ ސަބަބުން ރައީސާ އެކު ކޯލިޝަން މުޅިން އެހެން ގޮތަކަށް އެނބުރުމަކީ ވެސް ހަމަ ވެދާނެ ގޮތެކެވެ.