Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ އައްޑޫގައި

އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫތައް ބައްލަވާލެއްވުމުގެ ދަތުރެއް މިނިސްޓަރު އައިމިނަތު ޝައުނާ ފައްޓަވައިފި އެވެ.

މި ދަތުރުގެ ތެރެއިން މިހާތަނަށް މިނިސްޓްރީގެ މަސައްކަތްތައް ހިނގާ އެކިއެކި ސައިޓްތަކަށް ވަޑައިގެންފައިވެ އެވެ. އެގޮތުން ހުޅުމީދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައި މުވައްޒަފުންނާއި ބައްދަލުކުރަައްވައި މަސައްކަތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވާފައިވެ އެވެ. އަދި ކުނި ވަކިކޮށްފެން މެނޭޖްކުރުމުގައި ހުޅުމީދޫން ދައްކަމުން އަންނަ ނަމޫނާ ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އެސްޕަޔާ މަޝްރޫއުގެ ދަށުން ހުޅުމީދޫގައި ސޯލާ ޕީވީ ހަރުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ވެސް މިނިސްޓަރު ބައްލަވާލެއްވި އެވެ. އަދި ހުޅުމީދޫ މެދު ބަނދަރުގައި ފްލޯޓިން ސޯލާރ ހަރުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ވެސް ވަޑައިގެންނެވި އެވެ.


އައްޑޫގައި މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ކުނިން ހަކަތަ އުފައްދަން ހިތަދޫ މަރުކަޒީ އިންޖީނު ގޭގައި ކުރިއަށް ގެންދާ ބޮޑު މަޝްރޫއެއް ވެސް ހިމެނެ އެވެ. އެކަމަށް ބޭނުންވާ ސިސްޓަމް އިންސްޓޯލްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު، "ވޭސްޓް ޓު އެނާޖީ ޕްލާންޓް" އަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދޭ ފަރުމާކޮށްފައިވާ އެއްޗެކެވެ. އަދި އެއިން 1.5 މެގަވޮޓްގެ ކަރަންޓު އުފައްދާނެ އެވެ. އެ ޕްލާންޓުން އުފައްދާ ކަރަންޓްގެ ތެރެއިން އެއް މެގަވޮޓް އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓްދޭން ފެނަކަ އިން ހިންގާ މަރުކަޒީ އިންޖީނުގެއަށް ފީޑްކޮށްދޭނެ ކަމަށާއި ބާކީ 500 ކިލޯވޮޓް ބޭނުން ކުރާނީ ފެސިލިޓީގެ ބޭނުންތަކަށެވެ.

މީގެ އިތުރުން ނުރައްކާތެރި ކުންޏާއި ކެމިކަލް ފަދަ ތަކެތި ރައްކާކޮށް މެނޭޖްކުރެވޭ މަރުކަޒެއް ވެސް އައްޑޫގައި ހަދަން އެންވަޔަރަމަންޓް މިނިސްޓްރީން ނިންމާފައިވެ އެވެ.