Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ޗުއަމެނީ ރެއާލަށް ބަދަލުވެއްޖެ

މޮނާކޯ އަށް ކުޅެމުން އައި ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު، އައުރެލިން ޗުއަމެނީ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ އެވެ.

ޗުއަމެނީ ،22، ރެއާލަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ޗުއަމެނީ ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބްތަކަކުން ކަޅި އަޅަމުންދިޔަ ޗުއަމެނީ ރެއާލަށް ބަދަލުވެފައިވަނީ 100 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށެވެ.

މިދިޔަ ސީޒަނުގައި ފްރެންޗް ލީގުގެ ތިންވަނަ މޮނާކޯ އަށް ހޯދައިދިނުމުގައި ޗުއަމެނީ މުހިއްމު ދައުރެއް އަދާކުރިއިރު، މިދިޔަ ސީޒަނުގައި ދެއްކި ކުޅުމުގެ ސަބަބުން އޭނާ އަށް މިހާރު އަންނަނީ ފްރާންސްގެ ގައުމީ ޓީމުން ވެސް ގަވާއިދުން ޖާގަ ލިބެމުންނެވެ.

ޗުއަމެނީ މޮނާކޯ އަށް ބަދަލުވީ 2020 ވަނަ އަހަރު ފްރާންސްގެ ކްލަބެއް ކަމަށްވާ ބޯޑޯއިންނެވެ. އޭނާ ވަނީ މޮނާކޯގައި ހޭދަކުރި މުއްދަތުގައި އެޓީމަށް 95 މެޗު ކުޅެދީފަ އެވެ.