Last Updated: April 29, 18:17
Monday, April 29, 2024
މުނިފޫހިފިލުވުން

ޑެޕް އަންނަ މަހު އަލްބަމެއް ނެރެނީ

ފިލްމީ ކެރިއަރުގައި ބުރެކިޖެހިފައި އޮތް ހޮލީވުޑްގެ ތަރި ޖޯނީ ޑެޕް މިއުޒިކް އަލްބަމެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އެކްޓިންގެ އިތުރުން މިއުޒިކް ހުނަރު ވެސް ދައްކަމުން އައި 59 އަހަރުގެ ފަންނާނުގެ އާ އަލްބަމަކީ އަންމަ މަހުގެ 15 ގައި ނެރެން ތާވަލުކޮށްފައިވާ "18" އެވެ. މިއީ ޑެޕާއި އޭނަގެ މިއުޒިކީ ޕާޓްނަރު ޖެފް ބެކް ގުޅިގެން ނެރޭ އެއްޗެކެވެ.

އަލްބަމް ނެރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އިރު، މީގެ ޓްރެކް ލިސްޓްގެ ތެރެއިން "ދިސް އިޒް ދަ ސޯންގް ފޯ މިސް ހެޑީ ލެމާ" އާންމުކޮށްފައިވެ އެވެ.

އާ އަލްބަމާ ބެހޭ ގޮތުން ޑެޕް ބުނީ ބެކްއާ ގުޅިގެން މިއުޒިކީ މަސައްކަތްތަކެއް ކުރެވުމަކީ އަބަދު ވެސް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަމަށާއި މީގެ ސަބަބުން އެ ދެ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ވެސް އިތުރަށް ބަދަހިވާ ކަމަށެވެ. އަދި އަލްބަމް "18" އަށް ޖެފާ އެކު ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ފަހުރުވެރިވާ ކަމަށް ވެސް ބުންޏެވެ.

ޖެފް ބުނި ގޮތުގައި އަލްބަމަށް "18" ކިޔަން ނިންމީ މި އަލްބަމަށް ކުރި މަސައްކަތުގެ ތެރޭގައި އެ މީހުންގެ އެންމެ ޒުވާން ދުވަސްވަރުގެ ހަނދާންތައް ވެސް އާލާވެފައިވާތީ ކަމަށެވެ. އަދި އަލްބަމްގެ ލަވަތަކުގައި ޅަފުރާގެ ދުވަސްވަރުގެ ޖޯޝާއި ފޯރީގެ އަސަރު ބޮޑުވާނެ ކަމަށް ވެސް ބުންޏެވެ.

ޑެޕް އާ އަލްބަމެއް ނެރެން ތައްޔާރުވެފައި ވަނީ 2016 ގައި ކައިވެނި ރޫޅުނު ފަހުން ކުރީގެ އަންހެނުން ބަތަލާ އެމްބާ ހާޑް އޭނަގެ މައްޗަށް ކުރި ގެވެށިއަނިޔާގެ ތުހުމަތުތަކާ ގުޅިގެން ކުރި އަބުރުގެ ދައުވާ ވެސް މިދިޔަ މަހުގެ ފަހުކޮޅު ކާމިޔާބުކުރެވިފައި ވަނިކޮށެވެ. ގިނަ ބަޔަކު މިހާރު ދެކޭ ގޮތުގައި އެ ކަންތައްގަނޑުން މިހާރު ޑެޕަށް އަރައިގަނެވިފައިވާތީ އޭނަގެ ފިލްމީ ކެރިއަރު ވެސް އަލުން އިޔާދަވާނެ އެވެ.