Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އައްޑޫގައި ރޭސިން އިވެންޓެއް ބާއްވަނީ

އައްޑޫގައި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ރޭސިން އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ރޭސިން އެސޯސިއޭޝަނާއި އައްޑޫ ސިޓީ ކައުންސިލާއި ފުލުހުން އިއްޔެ މަޝްވަރާ ވެސްކޮށްފައިވެ އެވެ.

މޭޔަރު އަލީ ނިޒާރު "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ އޮގަސްޓް މަހުގެ ތެރޭގައި ރޭސިން އިވެންޓެއް ބާއްވާ އިރު، މިހާރު ވެސް ރޭސިންގެ ކަންކަން ކުރިިއަށް ގެންދެވޭނެ އިންތިޒާމުތަކެއް ރޭސިން އެސޯސިއޭޝަނަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެހެންވެ އޮގަސްޓް މަހު ބާއްވާ އިވެންޓް ވާނީ ފުލުހުންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ލިބިގެން ވަރަށް ރައްކާތެރިކަމާ އެކު ބޭއްވޭ އިވެންޓަކަށް ކަމަށް ވިދާޅުވިި އެވެ. އަދި މިިކަމަކީ ރޭސިން އަށް ލޯބިކުރާ އައްޑޫގެ ޒުވާނުންނަށް ވެސް ލިބޭނެ ކުރިއެރުމަކަށް ވާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އައްޑޫގައި މިހާރު ތާރު އަޅާފައިވާ މަގުތަކުގެ ތެރެއިން ކޮންމެވެސް މަގެއްގައި މި ރޭސިން އިވެންޓް ބާއްވާނީ. އެކަން ކުރާނީ އެކަމަށް ކަނޑައަޅާ ދުވަސްތަކުގައި ކަނޑައަޅާ ވަގުތުތަކަށް މަގު ބަންދުކޮށް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅައިގެން،" ނިޒާރު ވިދާޅުވި އެވެ. "އެހެންވެ މިފަދަ އިވެންޓެއް ބޭއްވުމަކީ މާ ބޮޑު އިޝޫއަކަށް ނުވާނެ. މިކަމުގައި ފުލުހުންގެ ސަޕޯޓް ވަރަށް ބޮޑަށް އޮންނާނެ ވެސް މެ."

ރޭސިން އެސޯސިއޭޝަނުން އޮގަސްޓް މަހު ބާއްވާ އިވެންޓަށް ދީފައިވާ ނަމަކީ "ރާސް ޗެމްޕިއަންޝިޕް 2022" އެވެ. ރާއްޖޭގެ ހުރިހާ ސިޓީއަކަށް މި އިވެންޓް އަމާޒުކުރާ އިރު، އައްޑޫގައި އިވެންޓް ކުރިއަށް ގެންދާ ގޮތަށް އޮތީ އޮގަސްޓް 12-13 ގަ އެވެ.