Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ޕެނަލްޓީގައި 5-4 އިން ޕެރޫ ބަލިކުރުމަށްފަހު މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިވެއްޖެ އެވެ.

މިއީ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ޖެހިޖެހިގެން ކޮލިފައިވި ފަސްވަނަ ފަހަރެވެ. އެގޮތުން މިފަހަރުގެ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ހިމެނެނީ ފްރާންސް އާއި ޑެންމާކް އަދި ޓިއުނީޝިއާއާ އެއް ގްރޫޕެއްގަ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 120 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެއާއެކު ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ.

އެގޮތުން ފުރަތަމަ ޕެނަލްޓީ ފޮނުވާލީ އޮސްޓްރޭލިއާގެ މާޓިން ބޮއިލް ކަމަށްވާއިރު އެ ޕެނަލްޓީ ޕެރޫގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. އެކަމަކު ދެން އެ ޓީމުން ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އެެވެ. އެ ޕެނަލްޓީތައް ފޮނުވާލީ އާރޮން މޫއީ، ކްރެއިގް ގުޑްވިން، އަޖްޑިން ރުސްޓިޗް، ޖޭމީ މެކްލަރެން އަދި އައްވާރު މާބިލް އެވެ.

ޕެރޫން ފުރަތަމަ ފޮނުވާލި ދެ ޕެނަލްޓީ، ޖިއަންލޫކާ ލަޕަޑުއްލާ އާއި އަލެކްސަންޑާ ކަލެންސް ކާމިޔާބުކުރި ނަމަވެސް ލުއިސް އަޑްވިންކޫލާ ފޮނުވާލި ތިންވަނަ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ދެން އެ ޓީމުން ފޮނުވާލި ދެ ޕެނަލްޓީ، ރެނާޓޯ ޓާޕިއާ އާއި އެޑިސަން ފްލޮރެސް ކާމިޔާބުކުރި ނަމަވެސް އެލެކްސް ވަލޭރާ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން އޮސްޓްރޭލިއާ ވަނީ މެޗުން މޮޅުވެފަ އެވެ.

ވޯލްޑް ކަޕްގެ އެންމެފަހު ޕްލޭ އޮފް މެޗު މިރޭ ވަނީ ކުޅުމަށް ހަމަޖެހިފަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ނިއު ޒީލެންޑާއި ކޮސްޓަ ރީކާ އެވެ.