Last Updated: April 25, 20:04
Thursday, April 25, 2024
ވިޔަފާރި

ޓްވިޓާގެ މުވައްޒަފުންނާ އީލޮން ބައްދަލުކުރަނީ

ޓްވިޓާ ބައްލަވައިގަންނަވަން ނިންމެވުމަށް ފަހު އެކަން މިހާރު މަޑުޖައްސާލާފައި އޮތް ދުނިޔޭ ބޮޑު މަހުޖަނު އީލޮން މަސްކް އެތަނުގެ މުވައްޒަފުންނާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ވާޗްއަލްކޮށް ބާއްވަން ނިންމާފައިވާ މި ބައްދަލުވުމާ ބެހޭ މައުލޫމާތު ޓްވިޓާގެ ސީއީއޯ ޕަރާގް އަގަރްވާލް ވަނީ އީމެއިލަކުން މުވައްޒަފުންނަށް އަންގައިފަ އެވެ. އޭގައި ބުނެފައި ވަނީ މި ބައްދަލުވުމަކީ މުވައްޒަފުންނާ އެކީ އީލޮން ބާއްވާ "އެތެރޭގެ" ބައްދަލުވުމެއް ކަމަށެވެ. އަދި މުވައްޒަފުންނަށް އީލޮންއާ ސުވާލު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި އެކަމަކު ސުވާލުކުރުމުގެ ފުރުސަތު ލިބޭނީ ދުރާލައި ސުވާލުތައް ފޮނުވާ މުވައްޒަފުންނަށް ކަމަށެވެ.

ޓްވިޓާގެ މުވައްޒަފުންނާ އެކީ އީލޮން އަންނަ ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމަކީ އެޕްރީލް މަހުގެ ތެރޭގައި 44 ބިލިއަން ޑޮލަރަށް އެ ބައްލަވައިގަތުމަށް ހުށަހެޅުއްވުމަށް މުވައްޒަފުންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ޓްވިޓާ ބައްލަވައިގަންނަވަން ހުށަހެޅުއްވުމުގެ ކުރިން ޓެސްލާ އާއި ސްޕޭސް އެކްސްގެ ވެސް ވެރިޔާ ވަނީ އޭގެ 9.2 ޕަސެންޓް ހިއްސާ 2.89 ބިލިއަން ޑޮލަރަށް ބައްލަވައިގެންފަ އެވެ. އެއާ އެކު އޭނާ ވެފައި ވަނީ ޓްވިޓާގެ އެންމެ ގިނަ ހިއްސާ ކޮންޓްރޯލްކުރާ ހަމައެކަނި ފަރުދަށެވެ.